Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

ކޯޓުން އާނިމް ދޫކޮށްލައިފި

ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް އެކްސްގައި ޕޯސްޓުތަކެއް ކުރި ކަމަށް ބުނެ ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް "އެކްސް"ގައި ޕޯސްޓްތަކެއް ކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ރޭ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހިތަދޫ / އަތަމާވިލާ، ޢަލީ ޢާނިމް މުފީދު (29އ) އެވެ.

ފުލުހުން ބުނީ އާނިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އާނިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތައް:

1 – ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު – ޓީ.ވީ، ރޭޑިއޯ އަދި އިންޓަރނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މަޢުލޫމާތު ފެތުރުން – 10 ވަނަ މާއްދާގެ (ހ) ޤާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓެލެވިޜަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ކުރުމުގެ ކުށް.

2 – ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު – ޢާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުން – 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރު؛ ޢާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުން.

3 – ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު – ކުށެއް ކުރަން އުޅުން – 80 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު، ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން.