ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ "ހުނަވަރު" ޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އެ ދެ ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ރޭ ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމުތައް ފުރިހަމަ ކުރި ޖުމްލަ 54 ފަރާތަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުއެވެ.
އެމްއޭސީއެލުން ބުނިގޮތުގައި އެކުންފުނިން ކުރިއަށް ގެންދިޔަ "ހުނަވަރު" ޕްރޮގްރާމަކީ އެ ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ހިންގަމުން އަންނަ ޕްރޮގްރާމެކެވެ. އެގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ "ދާލަން" އެކްސްޕޯގެ ތެރެއިން އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވި 25 ޒުވާނަކަށް ހިންގި ހަ މަހުގެ ތަމްރީން ޕްރޮގްރާމަކަށްފަހު އޭގެ ތެރެއިން 17 ފަރާތަކަށް އެމްއޭސީއެލް އިން ވަޒީފާ ދީފައިވާނެ ކަމަށެވެ.
އަދި އެމްއޭސީއެލް އިން މި ޕްރޮގްރާމުގައި ބައިވެރިވެ، އެކުންފުނީގެ ވަޒީފާގެ މާހައުލުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ, ނަމަވެސް ސަނަދެއް ނެތް 34 މުވައްޒަފަކު ވަނީ މި ޕްރޮގްރާމްގެ ތެރެއިން ގައުމީ އޮނިގަނޑު ލެވަލް 3ގެ ސަނަދެއް ހާސިލުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުން ރޭގެ ނިންމުން ފާހަގަ ކުރި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި އެ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ތައުލީމު ފޯރުކޮށްދޭ ފަރާތްތައް ގުޅުވާލުމަށް ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު ވަހީދު ވަނީ އެމްއޭސީއެލް އިން މީހުން ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި, އެމްއޭސީއެލް ފަދަ ގިނަ ދާއިރާތަކަށް މީހުން ބޭނުންވާ ކުންފުންޏަކަށް މީހުން ބިނާކުރުމުގެ މިފަދަ ޕްރޮގްރާމުތަކަކީ މުހިންމު ޕްރޮގްރާމުތަކެއް ކަމަށް ވިދާޅުވެފައެވެ.
އަދި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވަނީ އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އަދި ވަކިން ހާއްސަކޮށް ގައުމު ބިނާކުރުމުގައި މީހުން ތަމްރީނުކުރުމަށް އެމްއޭސީއެލް އިން ގިނަ ދާއިރާތަކުން ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން މި ޕްރޮގްރާމްގެ އާ ބެޗް ފެށޭ ހަފުތާތެރޭ އިއުލާންކޮށް މި ފަހަރަށްވުރެ ގިނަ ފުރުސަތު ހުޅުވާލާނެ ކަމަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ވިދާޅުވިއެވެ.