ކަޝްމީރުގެ ކުރީގެ ލަވަކިޔުންތެރިޔާ ރާޖް ބޭގަމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ސޯންގްސް އޮފް ޕެރަޑައިސް" މި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާ ކުރަން ނިންމައި، އެ ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.
ދާނިޝް ރެންޒޫ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ބޭގަމްގެ ރޯލުން ދެ ބަތަލާއާ އެކު ފެންނާނެ އެވެ. އެގޮތުން "ސޯންގްސް އޮފް ޕެރަޑައިސް" ގައި އޭނަގެ ޒުވާން ދުވަސްވަރުގެ ރޯލު ކުޅެފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކް ރޯޝަންގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދެވެ.
އަދި ފިލްމުގައި ބޭގަމްގެ ހަޔާތުގެ ފަހުކޮޅު ދުވަސްތަކުން ފެނިގެން ދާނީ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ މަންމަ، ސޯނީ ރާޒްދާނެވެ.
"މެލޮޑީ ކްއީން އޮފް ކަޝްމީރު" ގެ ނަމުގައި އާންމުންގެ ތެރޭގައި މަޝްހޫރުވި ބޭގަމް އަކީ ކަޝްމީރުން މިހާތަނަށް އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި އެއް އަންހެން ލަވަކިޔުންތެރިޔާ އެވެ. އިންޑިއާ ސަރުކާރުން ހަތަރު ވަނަ އަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޕަދްމާ ޝްރީ 2002 ގައި ބޭގަމް އަށް އަރުވާފައިވެ އެވެ.
އޭނަ އުމުރުން 89 އަހަރުގައި މަރުވީ 2016 ގަ އެވެ.
ފަރުހާން އަޚްތަރާއި ރިތޭޝް ދޭޝްމުކްގެ އެކްސަލް އެންޓައިންމަންޓުން ޕްރެޒެންޓްކޮށްދޭ އަދި ރެންޒޫ ފިލްމްސް ޕްރޮޑަކްޝަނާއި އެޕަލް ޓްރީ ޕިކްޗާސް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ "ސޯންގްސް އޮފް ޕެރަޑައިސް" ގެ ކާސްޓްގައި ޝީބާ ޗައްޑާ، ޒައިން ޚާން ދުއްރާނީ، ތާރުކް ރައިނާ އަދި ލިލިތާ ޑޫބޭ ވެސް ހިމެނެ އެވެ.
މި ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާ ކުރާނީ މި މަހުގެ 29 ގަ އެވެ.