ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. މި ދުވަހުގެ މާތްކަމާ ބެހޭ ގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެ އެވެ. “خَيْرُ يَوْمٍ طَلَعَتْ فِيْهِ
الشَّمْسُ يَوْمُالْجُمُعَةِ: فِيْهِ خُلِقَ آدَمُ، وَفِيْهِ أُدْخِلَ الْجَنَّةَ، وَفِيْهِ أُخْرِجَ مِنْهَا، وَلاَ تَقُوْمُ السَّاعَةُ إِلاَّ يَوْمُ الْجُمُعَةِ”މާނައީ”އެ ދުވަހަކަށް އިރުއެރި އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަހެވެ. އާދަމުގެފާނު ޚަލްޤުކުރެވުނީ އެދުވަހުގައެވެ. އެކަލޭގެފާނު ސުވަރުގެ ވެއްދުނީވެސް އަދި ސުވަރުގެއިން ބޭރުކުރެވުނީވެސް ހުކުރު ދުވަހެއްގައެވެ. ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތް ނުވާހުއްޓެވެ.”
މި ދުވަސް މާތްކުރެވިފައި ވަނީ މިދުވަހުގައި އަދާކުރެވޭ ހުކުރު ނަމާދަށްޓަކަ އެވެ. އެހެންކަމުން، ޢުޛުރުވެރިޔަކު ފިޔަވައި، ހުކުރުގެ ޖަމާޢަތުގައި ބައިވެރިވުން ވަނީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއްގެ ގޮތުގައި ކަނޑައެޅިފަ އެވެ.
ހުކުރު އަޅާފައި ދުނިޔެވީ އެކި ކަންކަމުގައި މަޝްޣޫލުވެ އުޅުމީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އެއީ ބޮޑުވެގެންވާ ފާފައެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آَمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ) [الجمعة 9] މާނައީ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު ހުކުރު ނަމާދަށް ގޮވައިލެވޭ ހިނދު ފަހެ، ﷲހަނދުމަކުރުމަށް (ޚުޠުބާ އަޑުއެހުމަށާއި، ހުކުރު ނަމާދަށް ދިއުމަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ”.
ހުކުރު ޚުޠުބާ އަކީ ހުކުރު ނަމާދުގެ ޝަރުޠެކެވެ. އެހެންކަމުން ޚުޠުބާ ކަނުލައި އަޑުއެހުމީ ވެސް ވާޖިބުވެގެންވާ ކަމެކެވެ. ޚުޠުބާ ފެށުމަށް ފަހު މިސްކިތުގެ އެތެރޭގައްޔާއި ބޭރުގައި އަދި މިސްކިތް ކައިރީގައި ވެސް އެތަން މިތާ ތިބެގެން ވާހަކަ ދައްކައި ހަދަމުން ދާ ދިއުމަކީ އެއްވެސް ޙާލެއްގައި ހުއްދަ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އިމާމާ މިންބަރަށް އެރުމުގެ ކުރިން މިސްކިތައް އެރުމަށް ޚާއްޞަ ސަމާލު ކަމެއް ދޭން ޖެހެ އެވެ. ޢުޛުރެއްނެތި ޚުޠުބާ ފެށުމަށް ފަހު އަންނަ މީހުން ހުކުރަށް ދިޔަ މީހުންގެ ލިސްޓްގައި މަލާއިކަތް ބޭކަލުން ނުލިޔުއްވާނެ އެވެ.
ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެ އެވެ. « إِذَا كَانَ يَوْمُ الْجُمُعَةِ قَعَدَتِ الْمَلاَئِكَةُ عَلَى أَبْوَابِ الْمَسْجِدِ فَكَتَبُوا مَنْ جَاءَ إِلَى الْجُمُعَةِ فَإِذَا رَاحَ الإِمَامُ طَوَتِ الْمَلاَئِكَةُ الصُّحُفَ وَدَخَلَتْ تَسْتَمِعُ الذِّكْرَ » މާނައީ”ހުކުރު ދުވަހު ހުކުރައް ދާމީހުންގެ ނަން ލިޔުއްވަން، މިސްކިތްތަކުގެ ދޮރުމަތީގައި މަލާއިކަތް ބޭކަލުން ތިއްބަވާނެތެވެ. ފަހެ، އިމާމާ ނުކުތުމުން އެބޭކަލުންވެސް ފަތްފުށްތައް ލައްޕަވާލެއްވުމަށް ފަހު ޚުޠުބާ އަޑު އެއްސެވުމަށް މިސްކިތަށް އަރައި ވަޑައިގަންނަވާނެއެވެ”. ނަމާދު ފެށުމުގެ އެތައް ވަޤުތެއް ކުރިން މިސްކިތައް އަރައި މަޑުކޮށްގެން އިންނަ ވަޤުތަކީ ޙަޤީޤަތުގައި ބޭކާރުވެގެންދާ ވަޤުތެއް ނޫންކަން ވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އަންގަވައި ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.”لاَ يَزَالُالْعَبْدُ فِي صَلاَةٍ مَا كَانَ
فِي مُصَلاَّهُ يَنْتَظِرُ الصَّلاَةَ، وَتَقُوْلُ الْمَلاَئِكَةُ: اَللَّهُمَّ اغْفِرْ لَهُ ، اَللَّهُمَّ ارْحَمْهُ، حَتَّى يَنْصَرِفَ أَوْ يُحْدِثَ“. މާނައީ “މުސްލިމު އަޅާ ނަމާދުގެ އިންތިޒާރުގައި މިސްކިތުގައި މަޑުކޮށްގެން ހުރުން ނަމާދުގައި ހުރުން ފަދައެވެ. އަދި އޭނާ މިސްކިތުން ފައިބައްޖެއުމަށް ދާންދެން ނުވަތަ ޙަދަޘްވެރި ވެއްޖެއުމަށް ދާންދެން، އޭނާގެ ފާފަތައް ފުއްސެވުމަށާއި އޭނާ އަށް ރަޙްމަތް ލެއްވުން އެދި މަލާއިކަތް ބޭކަލުން ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާނެތެވެ."
އިމާމާ މިންބަރަށް އެރުމަށްފަހު އެއްވެސް ބާވަތެއްގެ ވާހަކައެއް ދައްކައި ހެދުމީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައިވެ އެވެ. “إِذَا قُلْتَ لِصَاحِبِكَ أَنْصِتْ وَالْإِمَامُ يَخْطُبُ يَوْمَ الْجُمُعَةِ فَقَدْ لَغَوْتَ“ މާނައީ”އިމާމު މީހާ ޚުޠުބާ ދެނިކޮށް، ޖެހިގެންހުރި މީހާ ވަހަކަ ދައްކާތަން ފެނިގެން، އޭނަޔާ ދިމާލަށް ހަނު ހުންނާށޭ ބުނުމީ ވެސް ޚުޠުބާގެ ތެރޭގައި ބޭކާރު ވާހަކަ ދެއްކުމެކެވެ."
ހުކުރު ނަމާދަށް ފަހު އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުކޮށް ސަލާމްކޮށް ޙާލު އަޙްވާލު ބަލައި އުޅުމީ އިސްލާމީ ރިވެތި އާދަތަކުގެ ތެރެއިންވާ ކަމެކެވެ. ހުކުރު ދުވަހަކީ ހަފްތާތެރޭގައި މުޅި އިސްލާމީ އުއްމަތަށް އަންނަ ޢީދެކެވެ.
ނޯޓް: މިއީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ (ރަޙިމަހުﷲ) ގެ ލިޔުއްވުމެކެވެ.