ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ސޮއި ފޯޖުކޮށްގެން ގާނޫނީ ވަކީލަކަށް ވެގެން އުޅުނު މީހެއްގެ މައްސަލަ ބާ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މައްސަލަ ހުށަހަޅާފައިވަނީ އެމްޕީއެލްގައި މަސައްކަތް ކުރާ ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲއާ ދެކޮޅަށެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަކީ އެއްވެސް އިރަކު ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދީފައިވާ މީހެއް ނޫން ކަމަށް އިދާރާތަކުން ހޯދި މައުލޫމާތުން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އިތުރަށް ބެލިބެލުމުން، ތޫބާއަށް ދޫކުރި ކަމަށް ބުނާ ވަކީލުކަމުގެ ހުއްދައަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން 2020ވަނަ އަހަރު ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައިގެ ގޮތުގައި ތައްޔާރުކޮށްފައިވާ ލިޔުމެއްކަން އެނގިފައިވާ ކަމަށް ބާ ކައުންސިލުން ބުނެ އެވެ.
އަދި އެ ލިއުމުގައިވާ ސޮޔަކީ އެ ތާރީޚުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް، އެ ކައުންސިލުން ބުންޏެވެ. އެހެންކަމުން މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށް ބާ ކައުންސިލުން ބުނެފައިވެ އެވެ.
މިފަދަ ކަންކަމަކީ ޤާނޫނީ ކުށެއްކަން ފާހަގަކޮށް ބާ ކައުންސިލުން ވަނީ މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ދަފްތަރު ބާ ކައުންސިލުގެ ވެބްސައިޓުން ފެންނާނެ ހުންނާނެ ކަމަށާއި ގާނޫނީ ވަކީލުން އެ ލިސްޓް ބަލައިގެން ކަށަވަރުކުރުމަށް ވެސް ވަނީ އެދިފަ އެވެ.