Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

ވީއައިއޭގެ ޓެކްސީވޭ ތަރައްގީގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމައި, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ)އާ އެވެ.

އެ ކުންފުންޏާއެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 16 އޮކްޓޯބަރު 2024 ގަ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ އޭޕްރީލް މަހުގަ އެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މިއަދު ހަވާލުކޮށްފައި މިވަނީ ޝެޑިއުލްއަށްވުރެ 84 ދުވަސް ކުރިންނެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުނުކަމުގެ ލިޔުން އެމްއޭސީއެލް އިން ވަނީ ބީޔޫސީޖީއާ ހަވާލުކޮށްފަ އެވެ.

އެ ލިޔުން އެމްއޭސީއެލްގެ ފަރާތުން ބީޔޫސީޖީއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފެވެ. ބީޔޫސީޖީގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގަތީ ޕްރޮޖެކްޓް ޑިރެކްޓަރު ކަންގް ގުއަންގް ބޯ އެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު އާއި އެމްއޭސީއެލްގެ ބޯޑް މެންބަރުންނާއި އެގްޒެކެޓިވް ކޮމިޓީ މެންބަރުންގެ އިތުރުން ބީޔޫސީޖީ އިންޓަނޭޝަނަލްގެ ފަރާތުން ޒަންގް ފެންގްލިން, މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު ފާތިމަތު ރާމިޒާ އާއި މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސްގެގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެއާޕާސަން ނޫރައިން ވިދާޅުވީ ޓެކްސީވޭ ޗާލީ ތަރައްގީކުރުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސަފުހާއެއް ކަމަށާއި އެ މަޝްރޫއު ނިމުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ ހުރިހާ އެއާލައިނަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގައި ބީޔޫސީޖީއަކީ މުހިންމު އަދި އިތުބާރު ކުރެވޭ ބައިވެރިއެއް ކަމަށާއި އެކަމަށްޓަކައި އެ ކުންފުންޏަށް ޗެއާޕާސަން ޝުކުރު އަދާކުރެއްވި އެވެ.

ވީއައިއޭގެ 3200 މީޓަރު ދިގު ޓެކްސީވޭ-ޗާލީ އަކީ 1976 ވަނަ އަހަރު ހެދި, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެންމެ ފުރަތަމަ ރަންވޭ އެވެ. މި ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭ ވަރަށް ތަރައްގީ ކުރީ 1981 ވަނަ އަހަރު އެވެ. އެއަށްފަހު ރަންވޭ ދިގުކޮށް, އެތައް ފަހަރެއްގެ މަތިން މަރާމާތު ކޮށްފައިވެ އެވެ. ހާއްސަކޮށް 2004ގެ ސުނާމީ ކާރިސާއަށްފަހު ރަންވޭ ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު ކުރަން ޖެހުނެވެ. މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރީ އޮކްޓޯބަރު 2022ގަ އެވެ. އެއީ މިހާރު ބޭނުން ކުރަމުން އަންނަ ކޯޑް އެފް ރަންވޭ ހުޅުވުމުންނެވެ.