Last Updated: August 24, 20:47
Sunday, August 24, 2025
ޚަބަރު

މިއީ އަނދިރި ދައުލަތެއް، ރައްޔިތުން ފުނޑިއްޖެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: އަދަދު

މިހާރު ރާއްޖޭގައި މިއޮތީ އަނދިރި ދައުލަތެއް ކަމަށާއި ރައްޔިތުން "ފުނޑިއްޖެ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފަރާތުން ރޭ މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރައްޔިތުންގެ މިއަދު އޮތީ ހައްތަހާވެސް ޝަކުވާ ކަމަށާއި އެއީ ދިވެހި ރައްޔިތުން މިއަދު އިހުސާސް ކުރާ، އުދާސް ކުރާ ދަތިކަމާއި އަޅުވެތިކަމާއި ނިކަމެތިކަން ކަމަށެވެ.

"އަނދިރި ދައުލަތެއްގެ ފަރާތުން މި ހިންގާ ބޭއިންސާފުގެ ނަތީޖާއަކަށް ވެގެންމިދަނީ ދިވެހި ރައްޔިތުން ފުނޑިގެން ދިޔުން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިއަދު ރާއްޖޭގައި ހިތްހަމަޖެހިލައިގެން އުޅެނީ ސަރުކާރުގެ ވެރިންނާއި އެ ވެރިންގެ ރަހުމަތްތެރިން ކަމަށެވެ. އެކަމަކު ރައްޔިތުންގެ ހާލަތު ދުވަހުން ދުވަހަކަށް ދަށްވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއަދު ހިތްހަމަޖެހިލައިގެން މި އުޅެނީ ވެެރިންނަށް ތިއްބެވި ބޭފުޅުންނާ އެބޭފުޅުންގެ އާރުކާޓީގެ ތެރޭގައި ތިބޭ މީހުން. ޖީބުތައް ފަލަވެގެން މި ދަނީ ރިޝްވަތުގެ ފައިސާއިން. އެއް ދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ ހާލަތު މި ދަނީ ދަށަށް. މިއީކީ ގައުމެއް އޭގެ ޒާތުގައި ސަވައިޒް ވާނެ ގޮތެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ވެރިންނަށް ތިބޭ މީހުން ރައްޔިތުންނަށް އިހުލާސްތެރި ނުވެ، ކޮރަޕްޝަންގެ ވަބާ ފެތުރޭނަމަ އެއީ ރަށެއް އަދި މުޖުތަމައުއެއް ހަލާކުކޮށްލާނެ އެންމެ ބޮޑު ފަނި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. މި ކަންކަމަށް ރައްޔިތުން ހޭލަންވެއްޖެ ކަމަށާއި އަދި މިއަދު ވެރިކަމުގައި ހުންނެވީ ރައްޔިތުންގެ ތާއީދު ލިބިގެން، ރައްޔިތުންގެ ލޯބި ހޯއްދަވައިގެން ވެރިކަން ކުރާ ރައީސެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އޭގެ ބަދަލުގައި ރައީސް މުއިއްޒަކީ ކުރެވުނު ގޮތަކަށް ކުރެވުނު ކަމެއް ކޮށްގެން ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.