Last Updated: August 22, 06:27
Friday, August 22, 2025
ޚަބަރު

ޕީއެންއެފްގެ ޖަލްސާގައި ގިނައިން ތިބީ ބަންގްލަދޭޝް މީހުން

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ގިނައިން ތިބީ ބިދޭސީން ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ރޭ އާޓިފިޝަލް ބީޗުގައި "ވޭކްއަޕް"ގެ ނަމުގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެ އެވެ. މި ޖަލްސާގައި ބައިވެރިވާން ބައެއް ރަށްތަކުން ވެސް މާލެއަށް މީހުން އައިސްފައިވެ އެވެ.

މި ޖަލްސާގައި މި ސަރުކާރަށް ވަރަށް ބޮޑަށް ޔާމީން ފާޑު ވިދާޅުވިއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ރޭގެ ޖަލްސާއަށް 200 މީހުން ގެންދިޔައީ ޔާމީން ދައުލަތުން ވަގަށް ނަގާފައިވާ ފައިސާއިން ބޮލަކަށް 1200ރ. ދީގެން ކަމަށާއި އެވަރުން ވެސް ޖަލްސާގައި ތިބި ދެބައިކުޅަ އެއްބައި މީހުންނަކީ ބަންގްލަދޭޝް މީހުން ކަމަށެވެ.

ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ޔާމީން ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި 18 ވަނަ މަޖިލީހުގައި މެމްބަރުންނާއި މެދު ކަންކުރި ގޮތް ހަނދާނުގައި ނެތީތޯ ސުވާލުކުރައްވާފަ އެވެ.

"ތިއަށް ވުރެ މެމްބަރުން ނިކަމެތި ކުރި ވެރިއެއް ނެތް. ރައީސް މުޢިއްޒު ވަނީ މެމްބަރުންނަށް މަޖިލީހުގައި ފުރިހަމަ މިނިވަންކަންމަތީ މަސައްކަތް ކުރުމުގެ އިޚްތިޔާރު ދެއްވާފައި،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވަނީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުން އަލަށް ފާސްކުރާ އަދި އިސްލާހު ގެންނަ އެއްވެސް ޤާނޫނެއް ގޯސްވެގެން ކުރިއަށް އޮތް އެއްވެސް މަޖިލީހަކުން ބަދަލެއް ނުގެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް މުޢިއްޒު މި ގައުމުގެ ރައްޔިތުންގެ ހެވަޔާއި ލާބައަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ޔާމީން ދައްކަވާ ވާހަކަތަކުން ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.