އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މަޝްހޫރު އެކްޓަރު، ރަންބީރް ކަޕޫރްގެ އަންހެނުން ރާއްޖެ އައިސްފައި ވަނީ މަންމަ ސޯނީ ރާޒްދާނާއި ދައްތަ ޝަހީން ބަޓާ އެކީގަ އެވެ. މި ދަތުރުުގައި ޝާހީންގެ ލޯބިވެރިޔާ އިޝާން މެހެރާ ވެސް ބައިވެރިވެ އެވެ. އޭނަ އަކީ ފިޓްނެސް ކޯޗެކެވެ.
އާލިއާގެ މި ޗުއްޓީ ދަތުރުގައި ރަންބީރާއި ދަރިފުޅު ރާހާ ކަޕޫރް ބައިވެރިވާ ކަމެއް ކަށަވަރެއް ނޫނެވެ.
މި ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތަކެއް ޝާހީންގެ އިންސްޓަގްރާމްގައި ޕޯސްޓްކުރި ނަމަވެސް، އެ މީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.
އާލިއާ އާއި ޝާހީން އަކީ "އާޝިގީ" އާއި "ދިލް ހޭ ކީ މާންތާ ނެހީ" ފަދަ ކާމިޔާބު އެތައް ފިލްމެއް ހަދާފައިވާ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓާއި ސޯނީގެ ކައިވެންޏަށް ލިބުނު ދެ ކުދިންނެވެ. ކުރީގެ މަޝްހޫރު ބަތަލާ ޕޫޖާ ބަޓަކީ އާލިއާއާ އެއްބަފާ ދައްތައެކެވެ.
އާލިއާ ޗުއްޓީ އަށް ރާއްޖެ އައި އިރު، އޭނަ މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ މި އަހަރުގެ ޑިސެންބަރުގައި ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން ގެނެސްދޭން ހަމަޖެހިފައިވާ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސްގެ "އަލްފާ" އާއި އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އެވެ.
ބަންސާލީގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" ކުޅެގެން ނެޝަނަލް އެވޯޑް ވެސް ލިބިފައިވާ އާލިއާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޖިގްރާ" އެވެ.
މި މަހުގެ 29 ގައި އާލިއާގެ މަންމަ ސޯނީގެ "ސޯންގްސް އޮފް ޕެރަޑައިސް" އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާ ކުރަން ހަަމަޖެހިފައިވެ އެވެ.