ރާއްޖޭގެ ފުޓްބޯޅަށް މި އަހަރު 75 އަހަރު ފުރޭތީ އެކަން ފާހަގަކުރަން ހިންގާ ހަރަކާތްތަކަށް ހާއްސަކޮށްގެން އަލިމަސްޔޫބީލް ލޯގޯ މުބާރާތަކަށް އެފްއޭއެމުން ހުޅުވާލައިފި އެވެ.
އެތަނުން މުބާރާތަށް ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ ލޯގޯއަކަށް އިނާމެއްގެ ގޮތުގައި 15،000ރ. ދޭނެ ކަމަށެވެ. މުބާރާތް ޖަޖްކުރާނީ އެފްއޭއެމުން ކަނޑައަޅާ ޖަޖުންގެ ޕެނަލުންނެވެ.
އެފްއޭއެމުން ބުނި ގޮތުގައި ލޯގޯ ތައްޔާރު ކުރަން ވާނީ ރަތާއި ނުލާއި ރީނދޫ އަދި ފެހި ކުލަ ހިމަނައިގެންނެވެ. އަދި ލޯގޯ ވާން ޖެހޭނީ ދިވެހި ފުޓްބޯޅައިގެ މާޒީ ރަމްޒުކޮށްދޭ ފަދަ އަމިއްލަވަންތަ ލޯގޯއަކަށެވެ. އަދި ލޯގޯއަ ކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށްވެގެން ނުވާނެ އެވެ.
ލޯގޯ ހުށަހަޅަން ޖެހެނީ މި މަހުގެ 27 ގެ މެންދުރު ފަހު 3:00 ގެ ކުރިންނެވެ.
އެފްއޭމުން ބުނީ ހޮވޭ ލޯގޯ ވާނީ ފުޓްބޯޅަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުން ކުރުމަށާއި، އެ މުނާސަބަތު ފާހަގަ ކުރުމަށް އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، އެކިއެކި ހަރަކާތްތަކާއި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ލޯގޯ އާއި ބްރޭންޑިން އަށް ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، ފުރަތަމަ ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި އަހަރު ކަމަށްވާ 1950 އެވެ.