Last Updated: July 9, 19:09
Thursday, July 9, 2026
ދުނިޔެ

ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ހިޔާނާތުގެ މައްސަލައެއްގައި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހާ ހައްޔަރުކޮށްފި އެވެ.

ލަންކާގެ ފުލުހުން، ރަނިލް މިއަދު ހައްޔަރުކޮށްފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެންނެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރަނިލްގެ އެ މައްސަލައަކީ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އޭނާގެ އަނބިކަނބަލުން ޕްރޮފެސަރު މައިތުރީ ވިކްރަމަސިންހަގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުގެ ފައިސާއިން ހަރަދަކޮށްފައިވާތީ އެވެ.

މި ދަތުރުފުޅަކީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ވަސީލަތްތަކުން ހަރަދުކޮށްގެން ކުރި ދަތުރެއް ކަމަށްވެސް މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކާއި ހަވާލާދީ ލަންކާގެ މީިޑިއާތަކުން ބުނެ އެވެ.

ސީއައިޑީގެ ތަހުގީގުގައިވާ ގޮތުން، ރަނިލްގެ އެ ދަތުރުފުޅުގައި އިތުރު 10 މީހަކު ބައިވެރިކުރި އެވެ. އަދި އެ ދަތުރުފުޅަށް ސަރުކާރުގެ ބަޖެޓުން ޖުމުލަ 16.9 މިލިއަން ރުޕީސް ވަނީ ހަރަދުކޮށްފަ އެވެ.

ރަނިލްއަކީ ފާއިތުވި އަހަރުތަކުގައި ލަންކާ އިން ހައްޔަރުކި އެންމެ މަތީ ސިޔާސީ ބޭފުޅާއެވެ.