Last Updated: August 24, 20:47
Sunday, August 24, 2025
ޚަބަރު

ޗެނަލް13 ގެ ބްރޯޑްކާސްޓް ހުއްޓާލަން އެންގުން ކުށްވެރިކޮށްފި

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާ ބާއްވަން ތާވަލުކޮށްފައިވަނިކޮށް، ޗެނަލް 13ގެ ބްރޯޑްކާސްޓު ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް)އިން އެންގި އެންގުމަކީ ނުފޫޒެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފި އެވެ.

ބްރޯޑްކޮމް އިން ވަނީ ރޭގެ 08:00އިން 09:00އަށް ޗެނަލް13 ގެ ބްރޯޑްކާސްޓު ހުއްޓާލަން އަންގައިފަ އެވެ. މިގޮތަށް އެންގީ ޗެނަލް 13 އިން މިއަހަރުގެ ޖެނުއަރީ 30 ގައި ބްރޯޑްކާސްޓްކުރި އިރާދަން ހަބަރުގެ ބޮޑު ރިޕޯޓު ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވާ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށް ކޮމިޝަންގެ އިސްނެގުމުގެ މަތީން ބެލި މައްސަލައަކަށްފަހު އެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މިކަމާ ގުޅިގެން ބްރޯޑްކޮމްއާ ސުވާލުކުރުމުން އެ މައްސަލަ ނިންމިއިރު ޗެނަލް 13އިން ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ވަގުތުން ދައްކަން ނިންމާފައި އޮތް ކަމެއް ނޭނގޭ ކަަމަށާއި ޖަލްސާ އޮތް ރެއާއި ކޮމިޝަންގެ އެންގުމާ ދިމާވީ އިއްތިފާގުން ކަމަށެވެ.

ނަމަވެސް، މައްސަލައިގެ ޓައިމްލައިނަށް ބަލާއިރު، ޕީއެންއެފްގެ އެއްވުން ވަގުތުން ދައްކަން ތާވަލުކޮށްފައިވަނިކޮށް، އެ ވަގުތާ ދިމާވާ ގޮތަށް އެ ޗެނަލްގެ ބްރޯޑްކާސްޓް ހުއްޓާލަން ބްރޯޑްކޮމްއިން އެންގި އެންގުމަކީ ވަކި މަގުސަދެއް ހާސިލުކުރަން ނުފޫޒެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ.

ބްރޯޑްކޮމްއާ ހަވާލާދީ އިތުރަށް އެ ބަޔާނުގައި ވަނީ މިއީ ޗެނަލެއްގެ ބްރޯޑްކާސްޓުކުރުން ހުއްޓާލަން މި ފަހުން އެންގި ފުރަތަމަ ފަހަރު ކަމަށެވެ. އަދި، އެފަދަ ހަރުކަށި ފިޔަވަޅެއް ޗެނަލެއްގެ މައްޗަށް އަޅަން ކޮމިޝަނުން ނިންމީ ވަކި ހަރަކާތެއް ދެއްކުމަށް ޗެނަލުން ތައްޔާރީތައްވަމުން ދަނިކޮށްކަން އެންގެން އޮތްއިރު، މިއީ ބިރުދެއްކުމަށް ކުރި ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތްކަމަށް ފާހަގަވާ ކަމަށްވެސް އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭ އިން ބުނީ މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަންތަކުން އަމިއްލައަށް އިސްނަގައިގެން މީޑިއާތަކުގެ މައްސަލަތައް ބެލުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށާއި އެފަދަ އިދާރާތަކުން މައްސަލަތައް ބަލަން ޖެހޭނީ ކޮމިޝަނަށް ލިބޭ ޝަކުވާތަކަށް އެކަނި ކަމަށެވެ.

އެގޮތުން ސޫމޯޓޯ އުސޫލުން މައްސަލަ ބަލާ ނަމަ އިންސާފުގެ ހަމައިން ބޭރުވެވި ނާޖާއިޒު ނުފޫޒަށް ޖާގަ ލިބޭ ކަމަށާއި އަދި މި މައްސަލަ ބްރޯޑްކޮމްއިން ބެލުމުގައި ވެސް އާންމުކޮށް ހުޅުވާލައިގެން ދެފުށް ފެންނަ ގޮތެއްގައި މައްސަލަ ބަލާފައި ނުވާކަން ފާހަގަކުރެވޭތީ ބްރޯޑްކޮމްގެ މި ފިޔަވަޅު ކުށްވެރިކުރާ ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ.

އެމްޖޭއޭއިން ވަނީ ހުޅުވާލެވިގެން ބާއްވާ އަޑުއެހުންތަކެއްގައި ދެ ފުށް ފެންނަ އުސޫލަކުން މީޑިއާތަކާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ނުފޫޒުން އެއްކިބާވެގެން ބެލުމަށް ބްރޯޑްކޮމްއަށް ގޮވާލާފަ އެވެ. އަދި ބްރޯޑްކޮމްގެ އެ އަމަލުގެ ސަބަބުން އެނގެނީ ސަރުކާރުގެ ނުފޫޒު އޮންނަ ގޮތަށް ސެލްފް ރެގިއުލޭޓަރީ އުސޫލުން ބޭރު މެކޭނިޒަމްއަކުން މީޑިއާ ރެގިއުލޭޓްކުރާ ނަމަ، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މަސައްކަތަށް ހުރަސްތަކާއި ނުރައްކާތައް ކުރިމަތިވާކަން ކަމަށް އެމްޖޭއޭއިން ބުނެ އެވެ.