ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ މޭޖާ މަސައްކަތެއް ކުރުމަށްޓަކައި ނިއްވާލުމަށް ހަމަޖެހިފައިވާތީ މާދަމާ މާލެއާއި ހުޅުމާލެއިން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ނެރުނު ނޫސްްބަޔާނެއްގައި ބުނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖާ މަސައްކަތެއް ކުރުމަށް، މާދަމާ ހެނދުނު 6:00 އިން 10:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
"މި މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެއެވެ. މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަޙައްދުތައް ދުރާލާ އަންގަމުންދާނެ" ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި، އަދި އެހެނިހެން މުހިންމު ހިދުމަތްތައްދޭ މުއައްސަސާތަކުން ކަރަންޓު ނުކެނޑޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން މަސައްކަތް ކުރަމުން ދާނީ ތާވަލުކުރެވިފައިވާ ގަޑީގެ ކުރިން އިންޖީނުގެ މަސައްކަތް ނިންމައި، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ހިދުމަތް ގެނައުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝާއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއްކަމަށް ސްޓެލްކޯއިން ބުންޏެވެ،