Last Updated: August 24, 20:47
Sunday, August 24, 2025
ޚަބަރު

މާލެ ސަރަހައްދުގައި ބިން ހިއްކުން އަވަސްކުރަނީ

މާލޭ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ތިން ޑްރެޖަރު ގެންނަން ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުން ކަމަށްވާތީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމާއި، ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ބިންތައް ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމުގެ ގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުންކުރަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީ އިން ވަނީ ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފަ އެވެ.