Last Updated: July 9, 19:09
Thursday, July 9, 2026
ދުނިޔެ

ރަނިލް ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ހިޔާނާތުގެ މައްސަލައެއްގައި މިއަދު ހައްޔަރުކުރި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.

ލަންކާގެ ފުލުހުން، ރަނިލް މިއަދު ހައްޔަރުކޮށްފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެންނެވެ.

ކޮލޮމްބޯގެ ފޯޓް މެޖިސްޓްރޭޓް ކޯޓުން ރަނިލް ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޯޓުގައި ރަނިލްގެ ފަރާތުން ވާހަކަދައްކަމުން އޭނާގެ ވަކީލު ވަނީ ރަނިލްއަކީ ތަފާތު އެކި ސިއްހީ މައްސަލަތަކެއް ހުންނަ ފަރާތެއް ކަމުން، ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދިފަ އެވެ.

ރަނިލްއާ ގުޅޭގޮތުން ސީއައިޑީ އިން ތަހުގީގުކުރާ މައްސަލައަކީ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އޭނާގެ އަނބިކަނބަލުން ޕްރޮފެސަރު މައިތުރީ ވިކްރަމަސިންހަގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުގެ ފައިސާއިން ހަރަދަކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

މި ދަތުރުފުޅަކީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ވަސީލަތްތަކުން ހަރަދުކޮށްގެން ކުރި ދަތުރެއް ކަމަށްވެސް މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކާއި ހަވާލާދީ ލަންކާގެ މީިޑިއާތަކުން ބުނެ އެވެ.

ސީއައިޑީގެ ތަހުގީގުގައިވާ ގޮތުން، ރަނިލްގެ އެ ދަތުރުފުޅުގައި އިތުރު 10 މީހަކު ބައިވެރިކުރި އެވެ. އަދި އެ ދަތުރުފުޅަށް ސަރުކާރުގެ ބަޖެޓުން ޖުމުލަ 16.9 މިލިއަން ރުޕީސް ވަނީ ހަރަދުކޮށްފަ އެވެ.

ރަނިލްއަކީ ފާއިތުވި އަހަރުތަކުގައި ލަންކާ އިން ހައްޔަރުކި އެންމެ މަތީ ސިޔާސީ ބޭފުޅާއެވެ.