Last Updated: August 24, 20:47
Sunday, August 24, 2025
ޚަބަރު

ކާޑެއްދޫ އެއާޕޯޓު އަތުލައި ވިލާއަށް 18 މިލިއަން ދެނީ

ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަތުން އަތުލައި، އެ ކުންފުންޏަށް ބަދަލެއްގެ ގޮތުން 18 މިލިއަން ޑޮލަރު ދިނުމާ ގުޅޭ މަޝްވަރާތައް ސަރުކާރުން ފަށައިފި އެވެ.

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމެންޓް މުހައްމަދު ޝާހިދު ސޮއިކުރައްވައި މިމަހުގެ 19 ވަނަ ދުވަހު ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ވައިގެ ދަތުރުފަތުރު އިތުރަށް ފުޅާކޮށް، ވައިގެ މަގުން ރަށްތައް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ގދ. ކާޑެއްދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަށްޓަކާ ވިލާ އެއާއެކު ވެފައިވާ ލީސް އެއްބަސްވުން ބާތިލުކުރުމާއި، އެ އެއާޕޯޓު ދައުލަތަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓް އަދި އެއާޕޯޓާ ގުޅިގެން ތަރައްގީކުރާ މަޝްރޫއުތަކަށް 100 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް އޮޑިޓް ފާމެއް ކަމަށްވާ އާންސްޓް އެންޑް ޔަންގްއިން ލަފާކޮށްފައިވީ ނަމަވެސް އޭގެ ބަދަލުގެ ގޮތުގައި ދައުލަތުން 21 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވިލާ އެއާއިން އެދުނު މައްސަލައާ ގުޅިގެން ރައީސް އޮފީހުން ބެލިބެލުމުން، ކާޑެއްދޫ އެއާޕޯޓުގެ އަގަކީ އާންސްޓް އެންޑް ޔަންގުގެ އިވެލުއޭޝަން ރިޕޯޓުގައި ބަޔާންކޮށްފައިވާ 18.5 މިލިއަން ޑޮލަރުކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އަދި އެއާޕޯޓް ތަރައްގީކުރުމަށް ޖާމިނުކޮށް، ދައުލަތުގެ ފަރާތުން ވިލާ އެއާއަށް ދޫކޮށްފައިވާ ދެ ފަޅުގެ އަގުކަމުގައިވާ 15 މިލިއަން ޑޮލަރު ހިމަނައިގެން ޖުމްލަ 33.5 މިލިއަން ޑޮލަރުކަމަށް، މި މައްސަލައާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިކޮނޮމިކް ކައުންސިލް ނިންމާފައިވަނީ ކާޑެއްދޫ އެއާޕޯޓް އަނބުރާ ސަރުކާރާ ހަވާލުކުރެއްވުމަށްޓަަކައި، އެ އެއާޕޯޓާއި ގުޅިގެން ވިލާ އެއާއިން ކޮށްފައިވާ ހަރަދުތަކުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު، ދައުލަތަށް މާލީ ބުރައަކަށްނުވާ ގޮތަށް، 18 މަސް ދުވަހަށް ބަހާލައިގެން ދައުލަތުން ވިލާ އެއާއަށް ދެއްކުން ނުވަތަ ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހަށް ބަހާލައިގެން އެޖަސްމެންޓު ހެދުމެވެ.

ރައީސް އޮފީހުން ފޮނުވި ސިޓީގައި ވަނީ އެކަންކަމަށް ވިލާ އެއާއިން އެއްބަސްވާނަމަ، ވިލާ އެއާއެކު ހަދާފައިވާ އެއްބަސްވުމާއި، އެއްބަސްވުމާ ގުޅުންހުރި ހުރިހާ ބައިތަކެއް، ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ބާތިލުކޮށް، ވިލާ އެއާއިން އެއްބަސްވާ ގޮތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

ވިލާ އެއާއާ ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ.

ނަމަވެސް އެ އެއާޕޯޓް ވިލާ އަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ގައި ކުރި ހުކުމާއެކު، އެ އެއާޕޯޓު ވިލާ އެއާއާ މާޗު 2022 ގައި ވަނީ އަލުން ހަވާލުކޮށްފަ އެވެ.