Last Updated: August 25, 23:00
Monday, August 25, 2025
ޚަބަރު

ޔާމީންގެ ވާހަކަތައް ދިވެހިން ގަބޫލެއް ނުކުރާނެ: ގާސިމް

ރައީސް ޔާމީންއާ ގާސިމް ސަލާމް ކުރައްވަނީ --

ގދ. ކާޑެއްދޫ އެއާޕޯޓުގެ ކަންކަމާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި "ވޭކްއަޕް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓަކީ ގާސިމަށް "ތަރިކަ މުދާގަނޑެއް ގޮތަށް ލިޔުއްވައިފައި" އޮންނަ ތަނެއް ކަމަށެވެ. އަދި އެ އެއާޕޯޓު ހިންގަން އުޅެއުޅެ ނުހިންގިގެން ސަރުކާރުން އެންމެފަހުން އެތަނާއި ހަވާލުވާން ޖެހިފައިވާ ކަމަށާއި އެކަން ސަރުކާރުން ކުރަނީ ދައުލަތަށް ގާސިމް ދައްކަންޖެހޭ 30 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މައާފްކޮށްފައި ކަމަށް ޔާމީން ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ޔާމީން ހައްދަވަނީ ދޮގު ކަމަށާއި ކާޑެއްދޫ އެއާޕޯޓުގެ ކަން ހިނގާފައިވާ ގޮތް އޮޅުވާލައިގެން އެ ފަތުރާ ދޮގު ވާހަތައް ދިވެހިން ގަބޫލެއް ނުކުރާނެ ކަމަށެވެ.

އެ ޕޯސްޓާއިއެކުގައި ގާސިމް ވަނީ ރައީސް އޮފީހުން ފޮނުއްވި ސިޓީއެއް ވެސް ހިއްސާ ކުރައްވާފަ އެވެ. އެ ސިޓީ ކިިޔާލުމުން އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމާއި އަދި އެތަން ނުހިންގިގެން ނަގަނީ ނޫން ކަން ވެސް ސާފުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް އަމިއްލަ ފަރާތަކަށް ދޫކޮށްލުމަށް ކުރި އިއުލާނާއި ގުޅިގެން ވިލާއިން ހުށަހެޅި ޕްރޮޕޯޒަލަށް އެތަން ދޫކޮށްލީ ސަރުކާރަށް ގެއްލުންވާލެއް ބޮޑުކަމުން ކަމަށެވެ.

"އެއީ ފަޅުރަށް ދޫކުރާ އުސޫލެއް ނޫންތާދޯ. އަޅުގަނޑުމެން ވެސް އެތަން ހިންގައިގެން ލިބޭ ބޮޑު ގެއްލުމާއި އަދި އެތަނަށް ވިލާއިން ކުރި ބޮޑު އިސްވެސްޓްމެންޓަށް ބެލުމަށްފަހު ބަދަލެއްގެ ގޮތުން ސަރުކާރުން ދެއްވަން ނިންމެވީ 18 މިލިއަން ޑޮލަރު."، ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސަރުކާރަށް އެތަން ދޫކޮށްލީ ސަރުކާރުން ތަރައްގީ ކުރަން ބޭނުންވާތީ ވިލާއިން އެތަނަށް ވަރަށް އަވަހަށް އިންވެސްޓް އިތުރަށް ކުރެވެން ނެތުމުން ކަމަށެވެ. އަދި އެތަން ސަރުކާރުން ދޫކޮށްލީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުން ލިބޭނެ ފައިސާގެ ބޮޑުކަން ވެސް އެނގި ތިބެ ކަމަށްވެސް ވިދާޅުވި އެވެ.