މާދަމާ ހަވީރު ފެށުމަށް ހަމަޖެހިފައިވާ ހުޅުމީދޫ ވިމެންސް ފުޓްސަލް މުބާރާތުގެ ގުރުލުން ރޭ ހުޅުދޫ ނަސްރިއްޔާ ޕްރީ ސްކޫލްގައި ބާއްވައިފިއެވެ.
ޖުމްލް 6 ޓީމެއް ވާދަކުރާ މި މުބާރާތުގެ ހުޅުވާ މެޗްގައި ބައްދަލު ކުރާނީ ފަރި ޓީމް އާއި ފުޓްސަލް ޑިވާސްއެވެ. ހުޅުދޫ އަދި މީދޫ ފުޓްސަލް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މީދޫ ފުޓްސަލް އެރީނާގައެވެ.
ރޭ ގުރުލުން ބޭއްވި އިރު ގްރޫޕް އޭގައި ހިމެނޭ ޓީމް ތަކަކީ ފަރި ޓީމް، ފުޓްސަލް ޑިވާސް، އެމް ޑަބްލިއު ފުޓްސަލް
ޓީމެވެ.

ގްރޫޕް ބީގައި ހިމެނެނީ އެފްސީ ހިއްވަރު، ދޮންދީނި ޓީމް އާއި އޯކިޑް ޓީމެވެ.
ކޮންމެ ދުވަހަކު ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު ހަވީރުގެ މެޗްތައް ކުޅޭނީ މީދޫ ފުޓްސަލް އެރީނާގައެވެ. ރޭގަޑު މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުދޫ ފުޓްސަލް އެރީނާގައެވެ.
ހަވީރުގެ މެޗް 4:30 ގައި ފަށާއިރު ރޭގަޑު މެޗްތައް ފަށަނީ 9:30 ގައެވެ.
މި މުބާރާތަކީ ހުޅުދޫ މަޖްލިސް މެމްބަރު މުހައްމަދު ޝާހިދް، ދެ ރަށުގެ އަންހެނުންގެ ގުޅުން ގާއިމް ކުރުމަށާއި، ދުޅަހެޔޮ ސިއްހަތެެއްގައި އަންހެން ކަބަލުން ތިބުމަށް ހިއްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް ވަނީ 8000 ރުފިޔާ ހުށަހަޅާފައެވެ. އަދި ފެއާޕްލޭ ޓީމަށް 3000 ރުފިޔާ ވަނީ ހުށަހެޅިފައެވެ.