ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ވޯ 2" އަށް ބޮކްސް އޮފީހުގައި ވަަރަށް ފިނި ތަރުހީބެއް ލިބެމުންދާތީ ސްޕައި ޔުނިވާސްގެ ކުރިއަށް އޮތް ފިލްމު "އަލްފާ" އަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރު ޝޫޓިން ފެށި އެ ފިލްމަކީ ސްޕައި ޔުނިވާސް އަށް ބަތަލާއިންތަކެއް ލީޑްކުރާ ގޮތަށް ހަދާ ފުރަތަމަ ފިލްމެވެ. އާ ޑައިރެކްޓަރު ޝިވް ރަވައިލްއާ ހަވާލުކޮށްފައިވާ "އަލްފާ" ގެ ތަރިންނަކީ އާލިއާ ބަޓާއި ޝަރްވާރީ ވާގެވެ. އަދި މީގެ މުހިއްމު ރޯލުތަކުން ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރް ވެސް ފެންނާނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މި މަހުގެ 14 ގައި ރިލީޒްކުރި "ވޯ 2" އަކީ ވައިއާރްއެފަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނުވި ފިލްމެއް ކަމަށެވެ. ސަބަބަކީ އުންމީދުރި ވަރާ ގާތަށް ވެސް ފިލްމު ހިނގަމުން ނުދިއުމެވެ. އެކަމަކު "ވޯ 2" ރިލީޒްކުރި އިރު، މިއީ ބޮކްސް އޮފީހުގައި ރެކޯޑް އާމްދަނީއެއް ހޯދާނެ ފިލްމެއް ކަމަށް ކްރިޓިކުންނާއި ބޮލީވުޑްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ވެސް ވަރަށް ބޮޑަށް އަންދާޒާކުރި އެވެ.
އެކަމަކު ފިލްމު ޕްލޮޓް ވަނދުވުމާއި ބަލިކަށިކަމުން މިއީ ވައިއާރްއެފްގެ ސްޕައި ޔުނިވާސް އަށް މިހާތަނަށް ގެނައި އެންމެ ފީކަޅާ ފިލްމު ކަމަށް ވަރަށް ގިނަ ކްރިޓިކުންނާއި ބެލުންތެރިން ފާހަގަކޮށް، ސޯޝަލް މީޑިއާގައި ވެސް ފިލްމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ.
"ވޯ 2" އަކީ ސްޕައި ޔުނިވާސް އަށް ނިސްވަތްވާ ރިތިކް ރޯޝަންގެ 2019 ގެ "ވޯ" ގެ ސީކްއެލް އެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރި ފުރަތަމަ ބަޔަކީ ވަރަށް ބޮޑު ހިޓެކެވެ.
ނަމަވެސް އަޔާން މުކަރްޖީ ޑައިރެކްޓްކުރި "ވޯ 2" ވީ ބެލުންތެރިން ވަރަށް ބޮޑަށް މާޔޫސްކޮށްލި ފިލްމަކަށެވެ. މީގެ ކާސްޓްގައި މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ ވެސް ހިމެނެ އެވެ. އަދި ފިލްމުގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.
މީޑިއާތަކުން ބުނީ "ވޯ 2" ގެ ހިތި ތަޖުރިބާއާ ގުޅިގެން ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ސީދާ ބެލުމުގެ ދަށުން "އަލްފާ" އަށް މިހާރު މުހިއްމު، ބޮޑެތި ބަދަލުތަކެއް ގެނެސް، މި ފިލްމަކީ ބެލުންތެރިން އެންމެ އުންމީދުކުރާ ކަހަލަ ފިލްމަކަށް ހެދޭތޯ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ސްކްރިޕްޓަށް ވެސް ބަދަލުތަކެއް ގެނެސް ޝިވްގެ ޑައިރެކްޝަން ވެސް ވަރަށް ގާތުން އަދިތިޔާ ބަލަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ޝިވް އަކީ ވައިއާރްއެފުން 2023 ގައި ނެޓްފްލިކްސް އަށް ގެނެސްދިން މިނީ ސީރީޒް "ރެއިވޭމެން" ގެ ޑައިރެކްޓަރެވެ.
އޭނަގެ އަލަތު ފީޗާގެ ގޮތުގައި ހަދާ "އަލްފާ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ޑިސެންބަރު 25 ގަ އެވެ.
ޔާޝްރާޖްގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒާއި ޝާހްރުކް ޚާންގެ "ޕަތާން" ވެސް ހިމެނެ އެވެ.