Last Updated: June 12, 11:16
Friday, June 12, 2026
ސިޔާސީ

ސަރުކާރުގެ ވެރިން މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރު ނުވާން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދުން ފެށިގެން ވަޒީރުންނާއި، ސަލާމަތީ ބާރުތަކުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް މުވައްޒަފުން ޙާޒިރުނުވާ ގޮތަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ކަނޑައަޅުއްވައި، އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް އަންގަވައިފި އެވެ.

މިކަން އަންގަވައި ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝާހިދަށް މިއަދު ފޮނުއްވި ސިޓީފުޅުގައި، މިގޮތަށް ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގަނީ، ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިޖުރާޢަތާ އެކުގައި ކަމަށް މަޖިލީހުގެ ރައީސަށް ޔަޤީން ނުކުރެއްވޭތީ ކަމަށް ރައީސް ވިދާލުވި އެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވާ ފަރާތްތަކުންދޭ މަޢުލޫމާތުތަކާ މެދު ކަން ކުރެވެނީ، ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްކަން ވެސް މަޖިލީހުގެ ރައީސަށް ޔަޤީން ނުކުރެއްވޭތީކަން ވެސް ފާހަގަ ކުރައްވާފައިވެ އެވެ.
މިކަން މިގޮތަށް ނިންމީ ކަންކަން ނުހިނގާނެ ގޮތަކަށް ބައްލަވައި، އެކަށީގެންވާ ފިޔަވަޅު އަޅުއްވައި، މިކަންކަން ޔަޤީން ކުރެއްވޭނެ ފަދަ އިންތިޒާމެއް ހަމަޖެހެން ދެން ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.

ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓް ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން އެ ރިޕޯޓް ދިރާސާ ކުރުމަށް ކަމަށް ބުނެ، މިހާރު އަލުން މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާތީ، އުޞޫލެއްގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން މިފަދަ މައްސަލަތައް ބަލައި، ހޯދުންތައް ހޯދުމަކީ ކުރެވިދާނެ ކަމެއް ކަމުގައިވީ ނަމަވެސް، އެކަން ކުރެވޭނީ ޤާނޫނުއަސާސީ އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ޙުދޫދުގެ ތެރެއިންކަން ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ.

އެހެން ނަމަވެސް، ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ރިޕޯޓާމެދު ވަކިގޮތަކަށް ޢަމަލުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަވާފައި ނުވުމާއެކު، މިޙާލަތުގައި މި ރިޕޯޓާމެދު ޢަމަލު ކުރުމުގައި، މި ރިޕޯޓް ފޮނުވުނު ކޮމިޓީތަކުގެ ޤާނޫނީ ޒިންމާއަކަށް ވާނީ އެ ކޮމިޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން އަދާ ކުރައްވަން ޖެހޭ ޒިންމާ އަދާކުރެއްވުން ކަމާއި، މި ރިޕޯޓާ މެދު އެހެން ގޮތަކަށް ޢަމަލު ކުރުމުގެ ބާރު، އެ ކޮމިޓީތަކަށް މިޙާލަތުގައި ލިބިވަޑައިގެންފައި ނުވާކަން ވެސް ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކުރައްވަމުން ގެންދަވާ މިދެންނެވި މަސައްކަތަކީ، މިދެންނެވި ޙުދޫދުގެ ބޭރުން ހިނގަމުންދާ މަސައްކަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
އަދި އެ މަސައްކަތަކީ އެ ކޮމިޓީއަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ބޭރުން ކުރަމުން ގެންދާ ކަމެއް ކަމަށާއި، އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވެފައި ވުމުގެ އިތުރުން، އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެކަން އެގޮތަށް ނުހިނގާނެކަން ޔަޤީންކޮށް ދެއްވުން އެދި ދައުލަތުގެ ބަންޑާރަ ނައިބުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިލްތިމާސް ކުރައްވާފައިވާކަން ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސަށް ފޮނުއްވި ސިޓީފުޅުގައި ފާހަގަ ކުރެއްވި ޙާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މަސައްކަތް ކުރިއަށް ގެންދެވިއިރުވެސް، އެކަން ޙައްލުކުރެއްވުމަށް މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން އެކަށީގެންވާ މަސައްކަތްޕުޅެއް ކުރައްވާފައިނުވާ ކަމާއި އަދި ބަންޑާރަ ނައިބުގެ އިލްތިމާސަށް އެއްވެސް ޖަވާބެއް ދެއްވާފައިނުވާކަން ހިތާމައާއެކު ފާހަގަ ކުރައްވާފައިވެ އެވެ.

މީގެއިތުރުން، މިކަން މިހެން ހިނގުމަށް ފުރްޞަތު ފަހިވެފައި ވަނިކޮށް، މި ޙާލަތުގައި ސިއްރު ކޮމިޓީއެއްގެ ގޮތުގައި ހިނގާފައިވާ ކޮމިޓީއަކަށް، ދައުލަތުގެ ކުރީގެ އަދި މިހާރުގެ މަސްއޫލު ބޭފުޅުން ދެއްވާފައިވާ މަޢުލޫމާތުތަކެއް، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޢާންމު ކުރެއްވުމަކީ، އެކަމުގެ ސަބަބުން ދައުލަތުގެ ދުސްތޫރީ ނިޒާމަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަރައިގެން ދިޔަ، އެ މަޢުލޫމާތުތައް ދެއްވި ބޭފުޅުންގެ އަމިއްލަ ފަރުދީ ޙައްޤުތަކެއް ގެއްލި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނޭ ފުރްޞަތު އޮތް ކަމެއް ކަމަށްވެސް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

ހަމައެހެންމެ، މިގޮތަށް މަޢުލޫމާތު ޢާންމު ކުރެއްވުމަކީ، ޤާނޫނުއަސާސީގައިވާ މަފްޙޫމްތަކާ ޚިލާފު ކަމެއްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާވެސް ޚިލާފު ކަމެއް ކަމަށް، ރައީސް ވިދާޅުވެފައިވެ އެވެ.

އަދި މިކަމަކީ މަޖިލީހުގެ ގަވާއިދާ ޚިލާފު ކަމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވެފައިވާ އިރު، މިކަން ޙައްލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަން ވެސް އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.