އައްޑޫގެ ހިދުމަތްތެރި ކަނބަލެއްގެ ވާހަކަ ދައްކާ ނަމަ މަރަދޫ، ހަޒާރުގޭ، ފާޠިމަތު ދިޔާނާގެ ވާހަކަ ކޮންމެހެން ވެސް ދައްކަބް ޖެހޭނެ އެވެ.
އޭނަ އަކީ ސްކޫލް ދައުރުން ފެށިގެން ކަންކަމުގައި އިސްނަގައި، ކުދިންނާ ގުޅިގެން ކަންކަމުގައި ކެރުންތެރިކަމާ އެކު ޙަރަކާތްތެރިވަމުން އަންނަ މީހެކެވެ.
ދިޔާނާ އަލީ ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން ވެސް ކަންކަމުގައި އިސްނަގައި ކަންކަން ދަސްކުރުމަށް ޝައުޤުހުރި ހުނަރުވެރި ޖިންސުންލަޠީފެކެވެ.
އަމިއްލަ ދިރިއުޅުމެއް، ފަށައި، ގެވެހި ދިރިއުޅުމަކަށް ދިއުމުން ވަޒީފާއަކަށް ދިއުމުމުގެ ބަދަލުގައި ގޭގައި ހުރެގެން އާމްދަނީ ހޯދޭނެ ގޮތްތަކާ މެދު ވިސްނައި ދިޔާނާ ޝައުޤު ހުރި ދާއިރާއަކުން ކުރިޔަށް ދިއުމަށް ވިސްނި އެވެ. އެގޮތުން ކޭކް ޑެކޮރޭޓިން ކޯސްތަކާއި ޕޭސްޓްރީ ކޯސްތައް ހަދައި އަމިއްލަ ޝައުގަށް އެ މަސައްކަތް ކުރުމުގެ އިތުރުން ޒުވާނުން އެ ދާއިރާއިން ބިނާ ކުރުމަށް ގޭގައި ހުރެގެން ކޯސްތަށް ހިންގަން ފެށި އެވެ.
ޢާއިލީ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރަމުން ފިރިމީހާގެ މަސައްކަތުގައި ވެސް ދިޔާނާ ބައިވެރިވެ ސަޕޯޓް ދެމުން އަންނަ އިރު އިޖުތިމާޢި ކަންކަމުގައި ފެސް އިސްދައުރެއް އަދާ ކުރެ އެވެ. ދިޔާނާ އަކީ ސްކީމް ޖަމިއްޔާގެ އައްޑޫ ޗެއާޕާސަންގެ އިތުރުން، ގާލްގައިޑް އަދި ޔަންގް ލީޑާސް ޓީމުގައި ވެސް އިސް ދައުރެއް އަދާކުރާ ކަނބަލެކެވެ.
އައްޑޫގައި ހިންގޭ ތަފާތު އިޖުތިމާޢީ ޙަރަކާތްތަކުގައި އަދި ވަކިން ޚާއްޞަކޮށް މަރަދޫގައި ހިންގާ އިޖުތިމާޢީ ޙަރަކާތްތަކުގައި އިސް ނަގައި ދިޔާނާ އަދާކުރާ ދައުރަކީ މިސާލެއްނެތް ފަދަ ނަމޫނާ ދައުރެކެވެ.
ދިޔާނާ އަކީ ކުރާ ކޮންމެ މަސައްކަތެއް ވެސް އެންމެ ފުރިހަމަޔަށް ކުރުމަށް ހިތްވަރާ ޖޯޝުގައި މަސައްކަތްކުރާ މިސާލެއް ނެތް ފަދަ ޚިދުމަތްތެރި ނަމޫނާ ކަނބަލެކެވެ. ދިޔާނާގެ ފިރިމީހާ އަކީ މަރަދޫގެ ކުރީގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް ޓޮމް) އެވެ.
މައުލޫމާތު: 'ހިދުމަތްތެރިން' ފޭސްބުކް ޕޭޖް