އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ކާޖޮލްގެ ވެބް ސީރީޒް "ދަ ޓްރަޔަލް" ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ދައްކާލައި، އެ ޕްރީމިއާކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
ޖިއޯ ހޮޓްސްޓާގެ މި ސީރީޒްގެ ދެވަނަ ސީޒަން ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ގަ އެވެ. "ދަ ޓްރަޔަލް" ގެ ފުރަތަމަ ސީޒަން 8 އެޕިސޯޑާ އެކު ގެނެސްދިނީ 2023 ގަ އެވެ. ލީގަލް/ޕޮލިޓިކަލް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ މި ސީރީޒްގެ މޭސްތިރި އަކީ ސުޕަން ވަރުމާ އެވެ.
ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒަކީ އެމެރިކާގެ ސީބީއެސް ނެޓްވޯކުން ހަތް ސީޒަނަކަށް ޖުމްލަ 156 އެޕިސޯޑަށް 2009-2016 އަށް ގެނެސްދިން މަގުބޫލު ސީރީޒް "ދަ ގުޑް ވައިފް" އަސްލަކަށް ބަލައިގެން ގެނެސްދޭ އެއްޗެކެވެ.
ކާޖޮލް ވަކީލެއްގެ ރޯލު ކުޅޭ "ދަ ޓްރަޔަލް" ގެ ކާސްޓްގައި ޖިއްޝޫ ސެންގުޕްތާ، ކުބްރާ ސައިތު، އަލީ ޚާން، ގޯރަވް ޕާންޑޭ އަދި ޝުރޫތީ ބިޝްޓް ފަދަ ފަންނާނުން ހިމެނެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލްގެ ސީރީޒްގެ ދެވަނަ ސީޒަން އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލާ އިރު، އޭނަގެ ދެ ފިލްމެއް މި އަހަރު ރިލީޒްކޮށްފައިވެ އެވެ. އެއީ ބިރުވެރި ފިލްމު "މާ" އާއި ވަތަނީ ފިލްމު "ސަރްޒަމީން" އެވެ.
ކާޖޮލް އާއި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ ގުޅިގެން ހޯސްޓްކުރަން ހަމަޖެހިފައިވާ ޓޯކް ޝޯއެއް "ޓޫ މަޗު ވިތު ކާޖޮލް އެންޑް ޓްވިންލަކް" ގެ ނަމުގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދޭން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.