Last Updated: August 25, 23:00
Monday, August 25, 2025
ޚަބަރު

ޒަކާތު ހައުސް ވަރަށް ކާމިޔާބު: ޝަހީމް

ރާއްޖޭގެ ޒަކާތަށް އަހަރެއްވީ އިރު އެ އިދާރާގެ ފުރަތަމަ އަހަރު ތާރީޚީ ގިނަ ކާމިޔާބީތަކެއް ޚާސިލްކުރެވިފައިވާ ކަމަށް ޒަކާތު ހައުސްގެ ޗެއާމަން އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން މިއަދު މާލޭގައި ފެށި ޒަކާތުގެ ބައިނަލްއަގުވާމީ މަހާސިންތާގެ ފެށުމުގެ ރަސްމިއްޔާތުގައ މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއެކު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތަކުގެ ސަބަބުން ފާއިތުވެ ދިޔަ އަހަރަކީ ޒަކާތުގެ ނިޒާމަށް އެންމެ ކާމިޔާބު އަހަރެއް ކަމަށެވެ.

އެގޮތުން އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތާއި ފިޠުރު ޒަކާތް ލިބިގެން ދިޔައީ ފާއިތުވެ ދިޔަ އަހަރު ކަމަށް ވެސް ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ، ޒަކާތު ހައުސްއަށް ކުރިއެރުންތަކާއި ކާމިޔާބިތައް ޚާސިލް ކުރެވިފައި ވަނީ މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށް ދީފައިވާތީ ކަމަށެވެ.

މިނިސްޓަރު ވަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ޒަކާތު ބިލަށް ވެސް އިޝާރާތް ކުރައްވައިފަ އެވެ. އެގޮތުން އެ ބިލު ފަރުމާކޮށްފައި ވަނީ ދުނިޔޭގެ އެންމެ ފަހުގެ ޢިލްމީ ތަޖުރިބާތަކުގެ މައްޗަށް ކަމަށާއި، ބިލު ޤާނޫނަކަށް ވެގެން އަންނަ އިރު ޒަކާތުގެ ޤާނޫނަކީ ވަރަށް ފުރިހަމަ އަދިރާއްޖޭގެ ޒަކާތުގެ ނިޒާމު އާ އުސްމިންތަކަކަށް ގެންގޮސް ދޭނެ ޤާނޫނަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"އަމާޒަކީ މި ޤާނޫނާއެކު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ ޒަކާތުގެ އިދާރާއަށް ހެދުން." ޝަހީމު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ޒަކާތު ހައުސް އަށް ހާއްސަ ވަކި އޮފީހެއް ގާއިމުކޮށް މަސައްކަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގައި ޒަކާތު ހައުސްއެއް ސަރުކާރުން އުފެއްދީ 2023 ގެ ޑިސެންބަރުގަ އެވެ. އަދި ޒަކާތު ހައުސް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 2 ގަ އެވެ.