ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ހއ. އުތީމު ރައްޔިތުންނަށް އަރުވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި އެވެ.
އެ ޝަރަފު އަރުވަން ނިންމީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އެ ރަށު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި، އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކީ އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ އެވެ.
އެ ގަނޑުވަރަކީ ޕޯޗްގީޒުންގެ އަޅުވެތިކަމުން މިނިވަންކަން ހޯއްދައި ދެއްވި ބޮޑުތަކުރުފާނަށް ނިސްބަވްތާ ތަނެކެވެ.
ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު އެރުވުން އޮންނާނީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާ ހެނދުނު އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
އެ ޖަލްސާ އޮންނާނީ، މާދަމާ ހެނދުނު 10:00 ގަ އެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުން ވެސް އޮންނާނެ އެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެ ބޭފުޅެއްގެ ހަނދާނަށެވެ.
މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށެވެ.