ދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވައްލަ' މިހާރު އެ އަތޮޅު ކުޑަހުވަދޫގެ ބައެއް ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިގޮތަށް ކަނޑައެޅުއްވީ ލާމަރުކަޒީ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ވައްލަ، ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
ކުޑަހުވަދޫގެ އިގުތިސާދަށް ފައިދާވާ މަސައްކަތެއް ކުރެވޭނެ ގޮތަށް، ވައްލަ ހަމަޖެއްސަވައިދެއްވާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވީ މި އަހަރުގެ މާޗް 5 ގައި އެ ރަށުގަ އެވެ.