ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފި އެވެ.
ބީއެމްއެލުން ބުނީ، މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫގެ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެއް ކަމަށެވެ.
މި ކްލާސްރޫމްތައް ފަރުމާކޮށްފައި ވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކުރުމާއި، އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ވިސްނައިގެން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ވޭމަންޑޫ ސްކޫލްގެ އަމާޒަކީ މި ކްލާހުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްރޫމުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމެވެ. މީގެ ތެރޭގައި ކެއްކުމާއި ފެހުން ފަދަ ހުނަރުތައް ހިމެނެ އެވެ.
ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަހުމަދު ޝައުގަތު ވިދާޅުވީ މި މަޝްރޫއުގެ މަގްސަދަކީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ކުރެވޭ ކުލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ.
"މި ކްލާސް އިމާރާތްކުރުމުގައި ސްކޫލް އިން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރަން،" ޝައުގަތު ވިދާޅުވި އެވެ.
"ޖަމިއްޔާގެ މެންބަރުންނަށާއި އެކި ގޮތް ގޮތުން މި ޕްރޮޖެކްޓަށް އެހީވެ ދެއްވި އެންމެހާ ފަރާތްތަކަށާއި މި ޕްރޮޖެކްޓް މަސައްކަތްތައް މިހާ ފުރިހަމައަށް އަދި މިހާ އަވަހަށް ނިންމަވައި ދެއްވީތީވެ ކޮންޓްރެކްޓަރަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."
އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ވަނީ ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފަ އެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި މާލޭގައި ހުންނަ ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ބީއެމްއެލްއިން ތަރައްގީ ކޮށްފައިވެއެވެ. މި ދެ މަޝްރޫއު އިން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދީފައިވެ އެވެ.
މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ ބީއެމްއެލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައިވާ ކަމަށް ވެސް، ބޭންކުން ބުންޏެވެ.