Last Updated: August 23, 22:42
Saturday, August 23, 2025
ދުނިޔެ

ރަނިލް އަށް އައިސީޔޫގައި ފަރުވާ ދެނީ

ހިޔާނާތުގެ މައްސަލައެއްގައި ހައްޔަރުކޮށް، ޖަލުގައި ބަންދުކޮށްފައިވާ ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހާގެ ސިއްހީ ހާލަތު ހުރިގޮތުން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މި މަހުގެ 26 ގެ ނިޔަލަށް ރަނިލް ބަންދުގައި ބެހެއްޓުމަށް ކޮލޮމްބޯގެ ފޯޓް މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާއިރު، ރަނިލް ޖަލަށް ގެންދިޔުމަށްފަހު ހެދި ޓެސްޓުތަކަށް ފަހު ރޭ ވަނީ ޖަލުގައި ހުންނަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ރަނިލް ވަނީ ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. ރުކްޝަން ބެލަނާ ވިދާޅުވީ ރަނިލް އަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކުގެ ސަބަބުން ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާ އައިސީޔޫ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ލަންކާގެ ފުލުހުން، ރަނިލް ،76، އިއްޔެ ހައްޔަރުކޮށްފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލައަކީ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އޭނާގެ އަނބިކަނބަލުން ޕްރޮފެސަރު މައިތުރީ ވިކްރަމަސިންހަގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުގެ ފައިސާއިން ހަރަދަކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

މި ދަތުރުފުޅަކީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ވަސީލަތްތަކުން ހަރަދުކޮށްގެން ކުރި ދަތުރެއް ކަމަށްވެސް މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކާއި ހަވާލާދީ ލަންކާގެ މީިޑިއާތަކުން ބުނެ އެވެ.

ސީއައިޑީގެ ތަހުގީގުގައިވާ ގޮތުން، ރަނިލްގެ އެ ދަތުރުފުޅުގައި އިތުރު 10 މީހަކު ބައިވެރިކުރި އެވެ. އަދި އެ ދަތުރުފުޅަށް ސަރުކާރުގެ ބަޖެޓުން ޖުމުލަ 16.9 މިލިއަން ރުޕީސް ވަނީ ހަރަދުކޮށްފަ އެވެ.