Last Updated: June 6, 09:42
Saturday, June 6, 2026
ރިޕޯޓް

ލޯބީގެ ލާމަސީލު މިސާލެއް!

އަނަސް رضي الله عنه ވިދާޅުވި އެވެ.

ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަވަށްޓެރިންގެ ތެރޭގައި ވަރަށް މީރުކޮށް ރިހަ ކައްކާ ފާރިސްކަރައިގެ ބޭކަލަކު އުޅުއްވި އެވެ.

އެއް ފަހަރަކު، އެބޭކަލަކު ރިހަ ތައްޔާރު ކުރެއްވުމަށް ފަހު ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ދަޢުވަތު ދެއްވަން ވަޑައިގެންނެވި އެވެ.

އެހިނދު އެކަލޭގެފާނުގެ ޢާއިޝަތުގެފާނަށް އިޝާރާތްކޮށް ޙަދީޘްކުރެއްވި އެވެ. “(ވަޑައިގަންނަވަންވީ) މި ކަނބުލޭގެ ވެސް (ގޮވައިގެން ހެއްޔެވެ)؟”

އެ ބޭކަލަކު ދެންނެވިއެވެ. “ނޫނެކެވެ!”

ދެން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “(އެހެންވިއްޔާ ތިމަންކަލޭގެފާނު) ވަޑައެއް ނުގަންނަވާނަމެވެ.”

އަނެއްކާ ވެސް (އިރުކޮޅަކުން) ވަޑައިގެން ދަޢުވަތު ދެއްވި އެވެ.

ޙަދީޘްކުރެއްވިއެވެ. “(ވަޑައިގަންނަވަންވީ) މި ކަނބުލޭގެ ވެސް (ގޮވައިގެން ހެއްޔެވެ)؟”

އެ ބޭކަލަކު ދެންނެވި އެވެ. “ނޫނެކެވެ!”

ދެން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “(އެހެންވިއްޔާ ތިމަންކަލޭގެފާނު) ވަޑައެއް ނުގަންނަވާނަމެވެ.”

އަނެއްކާ ވެސް (އިރުކޮޅަކުން) ވަޑައިގެން ދަޢުވަތު ދެއްވި އެވެ.

ޙަދީޘްކުރެއްވިއެވެ. “(ވަޑައިގަންނަވަންވީ) މި ކަނބުލޭގެ ވެސް (ގޮވައިގެން ހެއްޔެވެ)؟”

އެ ބޭކަލަކު ތިން ވަނަ ފަހަރު ދެންނެވި އެވެ. “އާދޭހެވެ!”

އެ ހިނދު ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާއި ޢާއިޝާ رَضِيَ اللّٰهُ عَنْهَا އަވަހަށް އެ ގެއަށް ވަޑައިގެންނެވި އެވެ.

(ބައްލަވާ:ޞަޙީޙް މުސްލިމް 2037)

އަނބިމީހާ އުފާކޮށްލަ ދޭން މިއީ ވަރަށް ރަނގަޅު އުކުޅެކެވެ. ނިކަން ވިސްނާލައްވަ ބަލާށެވެ. މީރު ކާއެއްޗެއް ކާން ދަޢުވަތު ލިބުމުން ލޯބިވާ އަނބިމީހާ ގޮވައިގެން ނޫނީ ނުދިއުމުން އަނބިމީހާ ކިހާ އުފާވާނެ ހެއްޔެވެ؟

ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.