ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އުޅެނީ ވަރަށް ދަތީގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޒަކާތު ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ޒަކާތުގެ ރުކުނަކީ އިސްލާމްދީނުގެ އެހެން ރުކުންތަކާއި ވަރަށް ތަފާތު ރުކުނެއް ކަމަށާއި އެގޮތުން އެ ޒަމާނެއްގެ ހާލަތާއި ގުޅިގެން ފުޅާކޮށް، ތަރައްގީ ކުރެވެން އޮތް ހަމައެކަނި ރުކުނަކީ ޒަކާތުގެ ރުކުން ކަމަށެވެ. އަދި މުޅި ގައުމުގެ ރައްޔިތުން ދަތި ހާލަތުގައި އުޅޭއިރު، ފަގީރުންނާއި މިސްކީނުންގެ މި ޒަމާނުގެ މަފްހޫމެއް ކަނޑައަޅަންޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ވަޒީރުން ވެސް އުޅެނީ ދަތީގައި. މަޖިލީހުގެ މެންބަރުން ވެސް އުޅެނީ ދަތީގައި. މުޅި ގައުމު ދަތީގައި އުޅޭނަމަ އެބަޖެހޭ ފަގީރުންނާއި މިސްކީނުންގެ މި ޒަމާނުގެ މަފްހޫމެއް ކަނޑައަޅަން. ކޮބައިތޯ ހަގީގަތުގައި ފަގީރުންނާއި މިސްކީނުންނަކީ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މި ޒަމާނުގައި ތައުލީމާއި، ސިއްހީ ކަންކަމާއި، ދިރިއުޅޭނެ ތަނެއް ލިބުން ފަދަ ކަންކަމަކީ ކޮންމެ މީހަކަށް ލިބެންޖެހޭ ޒަރޫރަތެއް ކަމަށާއި މި ކަންކަމާމެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ޒަރޫރީ ބޭނުންތަކަށް އެހީވާ ގޮތަށް އެ ޚިދުމަތް ފުޅާކުރަން މަސައްކަތް ފަށައިފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
މީގެއިތުރުން ޝަހީމް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއެކު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތަކުގެ ސަބަބުން ފާއިތުވެދިޔަ އަހަރަކީ ޒަކާތުގެ ނިޒާމަށް އެންމެ ކާމިޔާބު އަހަރު ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތާއި ފިޠުރު ޒަކާތް ލިބިގެންދިޔައީ ފާއިތުވެދިޔަ އަހަރުގައިކަން ޝަހީމް ފާހަގަކުރެއްވި އެވެ.