Last Updated: August 25, 23:00
Monday, August 25, 2025
ކުޅިވަރު

ޓޮޓެންހަމް އިން ސިޓީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ޓޮޓެންހަމުން 2-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ޓޮޓެންހަމުން ވަނީ 3-0 އިން ބާންލީ ބަލިކޮށްފަ އެވެ. ސިޓީން ވަނީ ފުރަތަމަ މެޗުގައި ވުލްވްސްގެ މައްޗަށް 4-0 އިން ކުރި ހޯދައިފަ އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ 35 ވަނަ މިނެޓްގައި ބްރެނަން ޖޯންސަން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. މިއީ ރިޗާލިސަން ސިޓީގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ޖޯންސަން ކާމިޔާބުކުރި ގޯލެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޮއާއޯ ޕަލީނިއާ ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މިއީ ސިޓީގެ ގޯލްކީޕަރު ޖޭމްސް ޓްރަފޯޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން ސިޓީން އެޓޭކުތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، އެޓީމަށް ވަނީ ޓޮޓެންހަމްގެ ޑިފެންސްލައިން ފޫއަޅުވާލުމުމުގައި އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. މި ހާފުގައި ލީޑު ފުޅާކޮށްލަން ޓޮޓެންހަމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ބްރައިޓަންއާ އެވެ. ޓޮޓެންހަމް ނިކުންނާނީ ބޯންމަތްއާ ދެކޮޅަށެވެ.