Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް އޮފިސަރު ހައްޔަރުކޮށްފި

ފުލުހުންގެ ވަޒީފާގެ ހުވާ ނުކުރާ ކަމަށް ކޯޓުގައި ބުނި ފުލުސް މީހާ އަލުން ބަންދުކޮށްފި އެވެ.

މި މައްސަލައިގައި މިދިޔަ މަހު ހައްޔަރުކުރީ ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދެވެ. އެގޮތުން އޭނާ ދިރިއުޅޭ ގެއިން އިލެކްޓްރޯނިކް ސިގިނރޭޓާ ގުޅޭ ހެކިތަކުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވެ އެވެ.

އެ މައްސަލައިގައި ސާޖިދު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ތިނަދޫ ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފަ އެވެ. އޭނާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ނިންމި ނިންމުން ގޯސް ކަމަށް ބުނެފަ އެވެ.

ހައިކޯޓުން އެގޮތަށް ނިންމުމުން މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫ ކޯޓުން ނެރުނު އަމުރުގައި ވަނީ އޭނާގެ ބަންދަށް 20 ދުވަސް ޖަހައިފަ އެވެ.

ސާޖިދު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ބޭއްވި އަޑުއެހުމެއްގައި ސާޖިދުގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ވަނީ ސާޖިދު ފުލުހުންގެ ހުވާނުކުރާ ކަމަށާއި ދައުލަތުން ފާހަގަކުރާ ހުވައެއް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން ފަނޑިޔާރުން ސުވާލުކުރުމުން ސާޖިދު ބުނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ގޮސް އެ ތަނުގައި މަޑުކޮށްގެން ހުރި ނަމަވެސް ހުވާ ލައިދިން ވަގުތު ހުވާ ނުކިޔާ ކަމަށެވެ.

"ކޮންސްޓެބްލަރީ ހުވާގެ ރަސްމިއްޔާތު އޮތް، އެ ތަނަށް އަޅުގަނޑު ވެސް ދިޔައިން. އެކަމަކު، އަޅުގަނޑު ހުވައެއް ނުކުރަން. އަޅުގަނޑު ހުރީ އެތާ،" ސާޖިދު ބުންޏެވެ.

ސާޖިދު މިހެން ބުނި ނަމަވެސް ހުވާގެ އިގުރާރުގައި އޭނާ ސޮއިކޮށްފައިވެ އެވެ. މިކަމާ ގުޅިގެން ފަނޑިޔާރުން ނުރުހުން ފާޅުކުރައްވައި ވަނީ ސާޖިދު ވަޒީފާގައި އެތައް ދުވަހަކު ހުރެފައި އެތަނަށް ދިޔަ ނަމަވެސް ހުވައެއް ނުކުރަމޭ ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.