އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑްގެ މައްޗަށް 5-0 އިން އާސެނަލުން ކުރި ހޯދައިފި އެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި އާސެނަލުން ވަނީ 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފަ އެވެ. ލީޑްސް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އެވަޓަންގެ މައްޗަށް ކުރި ހޯދާފަ އެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރިން ވަނީ ކްރިސްޓަލް ޕެލެސް އިން އާސެނަލްއާ ގުޅުނު އިނގިރޭސި މިޑްފީލްޑަރު، އެބްރެޗީ އެޒޭ ރަސްމީކޮށް ސަޕޯޓަރުންނަށް ދައްކާލާފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 34 ވަނަ މިނެޓްގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ޖުރިއަން ޓިމްބާ އެވެ. މިއީ ޑެކްލަން ރައިސް ލީޑްސްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ޓިމްބާ ކާމިޔާބުކުރި ގޯލެކެވެ. އަދި ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ބުކާޔޯ ސަކާ ވަނީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެޓީމާ އަލަށް ގުޅުނު ސްވިޑެންގެ ފޯވާޑް، ވިކްޓަ ޔޮކަރޭސް އެވެ. އާސެނަލްގެ ހަތަރުވަނަ ގޯލު މެޗުގެ 56 ވަނަ މިނެޓްގައި ޓިމްބާ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ފަހު ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް ޔޮކަރޭސް އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރެންޓްފޯޑުން ވަނީ 1-0 އިން އެސްޓަންވިލާ ބަލިކޮށްފަ އެވެ. ބޯންމަތް އިން 1-0 އިން ވުލްވްސް ބަލިކުރިއިރު، ބާންލީ އިން ވަނީ 2-0 އިން ސަންޑަލޭންޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ.