Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

ތަރައްގީ ގެންނަން ވާނީ ދިވެހިވަންތަކަން ނުގެއްލޭ ގޮތަށް

އާދަމް ޝަރީފު -- ފޮޓޯ / ސަން

ތަރައްގީ ގެންނަން ވާނީ ދިވެހިވަންތަކަން ނުގެއްލޭ ގޮތަށް ކަމަށް، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ދިވެހިންގެ ދިވެހިވަންތަކަން ރައްކާތެރިކޮށް، ރަށްވެހިކަމުގެ ވައްޓަފާޅި ނުގެއްލޭނެ ގޮތަކަށް ރަށުގެ ތަރައްޤީގެ ވިސްނުމާއި އުމްރާނީ ތަރައްޤީގެ މަފުހޫމް އިސްކުރުމަކީ ކޮންމެ ދިވެއްސަކު ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ.

އެގޮތުން ދިވެހިންނަށް ލިބިފައިވާ ނޫވިލުތަކާއި ޗާލު މޫދާއި ދޮންވެލި ގޮނޑުދޮށާއި ރަށުގެ ވެލި މަގުތަކަކީ ދިވެހިންގެ ދިވެހިވަންތަކަން ރަމްޒުކޮށްދޭ ބަހާތައް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އެ ބަހާތަކަށް ޤުދުރަތީ ގޮތުން ލިބިފައިވާ ރީތިކަން، އެގޮތުގައި ދެމެހެއްޓުމަށް ސަމާލުވާންޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވި އިރު، ރާއްޖޭގެ މުއްސަނދި ފަޅުތަކާއި ފަރުތަކާއި ކުޅިތައް ނުހިއްކާ، ދެމެހެއްޓެނިވި ތަރައްގީ އިޚްތިޔާރުކޮށް އެހެން ގޮތްތައް ހޯދެން އެބަ އޮތް ކަމަށް ތިމާވެއްޓާ ދޭތެރޭ ކަންބޮޑުވުން ފާޅުކުރާ މީހުން އަބަދުވެސް އަންނަނީ ވަކާލާތު ކުރަމުންނެވެ. ނަމަވެސް ރިސޯޓުތަކާއި އެއާޕޯޓުތަކާއި އަޅަން ބިން ހިއްކުމަކީ ސަރުކާރުތަކުން ހުއްޓުމެއް ނެތި ކުރަމުންދާ ކަންކަމެވެ.