Last Updated: June 7, 18:23
Sunday, June 7, 2026
ޚަބަރު

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވައިފި އެވެ.

އެ އިޙްތިފާލުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގަ އެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެ ދެކަނބަލުންނަށް، މަރުޙަބާ ދެންނެވީ، ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި ހެރިޓޭޖް މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމެވެ.

ޤައުމީ ދުވަހުގެ ދިދަނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި، ޤައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން ވެސް އޮތެވެ. މި ރަސްމިއްޔާތު ނިންމަވާލައްވާފައި ވަނީ ޤައުމީ ދިފާއީ ބާރުގެ ބޭންޑް ޕާޓީގައި ޤައުމީ ސަލާމް ކުޅުމާއެކުގަ އެވެ.

ރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށް ދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު އެވެ.

ގައުމީ ދުވަސް މި އަހަރު ފާހަގަ ކުރަނީ ބޮޑުތަކުރުފާނުގެ އުފަން ރަށް، ހއ، އުތީމުގަ އެވެ.