ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި، ފިލްމީ ޔޫސުފް ޝަފީއު (ޔޫއްޕެ) އަކީ ރާއްޖޭގެ ރެކޯޑެއް ކަމަށާއި އޭނަގެ ނަން ދުނިޔޭގެ ރެކޯޑަށް ވެސް އަރަން ޖެހޭ ކަމަށް ޑައިރެކްޓަރު/އެކްޓަރު އަހުމަދު ނިމާލު ބުނެފި އެވެ.
އޭނަ ޔޫއްޕެ އަށް މިފަދަ ތައުރީފެއްކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްއެސްޕީއޭ ފިލްމު އެވޯޑްސްގައި ޔޫއްޕެ އަށް ތިން އެވޯޑެއް ލިބިފައިވާތީ އެވެ. އެއީ އޭނަ ލިޔެ، ޑައިރެކްޓްކޮށް، ރޯލެއް ކުޅުނު "ކަޅަކި" އިން ލިބުނު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި ފިލްމު "ދެވަންސޫރަ" އިން ލިބުނު އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑާއި އެ ފިލްމުން ލިބުނު އެންމެ މޮޅު އެޑިޓިންގެ އެވޯޑެވެ.
މަގުބޫލު އެތައް ފިލްމެއް މިހާތަނަށް ކުޅެފައިވާ ޔޫއްޕެ އަކީ އެކި ފަހަރު މަތިން ގިނަ އެވޯޑްތަކެއްހާސިލުކޮށްފައިވާ ފަންނާނެކެވެ.
އެހެންވެ ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްްތެރިވާ އެއްވެސް މީހަކަށް މިހާތަނަށް ނުހެދޭ ކަހަލަ "ރެކޯޑްތަކެއް" ޔޫއްޕެ ހަދާފައިވާ ކަމަށް ނިމާލު ބުންޏެވެ.
އެގޮތުން އޭނަ އަކީ އެންމެ މޮޅު އެކްޓަރާއި ސަޕޯޓިން އެކްޓަރާއި އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު އެޑިޓިންގެ އެވޯޑް ވެސް ހޯދާފައިވާ މީހެއްކަން ނިމާލު ފާހަގަކުރި އެވެ.
"މިއީ އެހެން އެއްވެސް ފަރާތަކަށް [ފިލްމީ ފަންނާނަކަށް] އަދި ހާސިލު ކުރެވުނު ޝަރަފެއް ނޫން،" ނިމާލު އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފީޗާ ފިލްމު ކަމަށްވާ 2022 ގެ "ހެހެެސް" ގެ ސްކްރީންޕްލޭ ލިޔެ، އެ ފިލްމުގެ ބަތަލުގެ ރޯލު ވެސް ކުޅުނު ޔޫއްޕެއާ ބެހޭ ގޮތުން ބުންޏެވެ. "އެހެންވެ މި ކާމިޔާބީތަކަށްޓަކައި ޔޫއްޕެ އަށް ސެލިއުޓް ކުރަން."
ޔޫއްޕެގެ ފިލްމީ ކެރިއަރުގެ ކާމިޔާބީތަކަށް ބަލާ އިރު، އެންމެ ފަހުން 2019 ގައި ބޭއްވި 9 ވަނަ ގައުމީ ފިލްމު އެވޯޑްސްގައި އޭނަ ހަތަރު އެވޯޑެއް ގެންދިޔަ އެވެ. އެއީ "ދެވަންސޫރަ" އިން އެންމެ މޮޅު، ޑައިރެކްޓަރު، އެކްޓަރު، ސްކްރީންޕްލޭ، އެޑިޓިން އަަދި އާޓް ޑިރެކްޝަން އެވޯޑެވެ.
ޔޫއްޕެ އަކީ ހަތަރު ވަނަ ގައުމީ ފިލްމު އެވޯޑްސް އާއި ފަސް ވަނަ ގައުމީ ފިލްމު އެވޯޑްސްގެ އިތުރުން ހަ ވަނަ ގައުމީ ފިލްމު އެވޯޑްސްގައި ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި ތަރިއެކެވެ. އެއީ "ވެހޭ ވާރޭ ތެރެއިން" އާއި "ވާ ލޯބި އެނގޭ ނަމަ" ގެ އިތުރުން "ހެޕީ ބާތުޑޭ" އިންނެވެ.
މީގެ އިތުރުން އެމްއެފްއޭގެ މޯލްޑިވްސް ފިލްމު އެވޯޑްސްގައި ވެސް އެކި ފަހަރު މަތިން، އެކި އެވޯޑްތައް ޔޫއްޕެ ހޯދާފައިވެ އެވެ.
އުމުރުން މިހާރު 49 އަހަރުގެ ޔޫއްޕެ އަކީ ފިލްމަކަށް ކުރަން ޖެހޭ މައިގަނޑު ހުރިހާ މަސައްކަތެއްހެން ކުރަމުން އަންނަ ފަންނާނެކެވެ. އޭނަ އަންނަނީ ފިލްމު ޕްރޮޑިއުސް ވެސް ކުރަމުންނެވެ. އެގޮތުން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް 'ޔޫއްޕެ ޕްރޮޑަކްޝަން' ގެ ނަމުގައި ހިންގަމުން ދެ އެވެ.
ޔޫއްޕެ އެންމެ ފަހުން ފެނިފައި ވަނީ ޑައިރެކްޓަރު ފާތުމަތު ނަހުލާ ޖޫން 17 ގައި ގެނެސްދިން "ސޮރީ" އިންނެވެ. މިއީ މި އަހަރު ރިލީޒްވި ޔޫއްޕެގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ "އަބަދަށް" އެވެ. އޭނަ ޕްރޮޑިއުސްކޮށް، ޑައިރެކްޓް އަދި ކުޅެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ސާޔާ" އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ 1999 ގެ "ގުރުބާނީ" އިން ފިލްމީ ދަތުރު ފަށައިގަތް ޔޫއްޕެ އަކީ ދިވެހި ސިނަމާގެ ކާމިޔާބު ގިނަ ފިލްމުތަކެއްގައި ހިއްސާވާ ތަރިއެއްކަމެވެ. އޭގެ ތެރޭގައި "ކަލާޔާނުލާ"، "ޒުލޭހާ"، "ޔޫސުފު"، "ސަނދުރަވިރޭ"، "އުދަބާނި"، "ނިއުމާ" އަދި "4426" ފަދަ ފިލްމުތައް ހިމެނެ އެވެ.