ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު މިއަދު ފުރުނު އިރު ވެސް ، އެ ޒިކުރާތަކާއި އެ ހޯއްދެވި ފަޚުރާއި ޝަރަފް ދިވެހީންގެ ހިތްތަކުގައި ތާޒާކަމާއެކު ދިރެމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ގައުމީ ދުވަހާ ގުޅިގެން އެ މަނިކުފާނު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދު ވެސް ހަނދާންކޮށް ދެނީ، ޤައުމުގެ ޙައްޤުގައި ޖިހާދު ކުރެއްވި އަގުހުރި ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް ޙާޞިލްކުރުން ކަމަށެވެ.
"ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް މި ދަންނަވަނީ، އަބަދުވެސް ޤައުމު ދެކެ ލޯބިވާ، ޤައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބަޔެއްގެ ގޮތުގައި ދިވެހީން ދެމި ތިބޭނެކަމުގެ ޢަޒުމު އާކުރަމުން." ރައީސް ވިދާޅުވި އެވެ.
ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު މިއަދު ފުރުނު އިރު، އެ ޒިކުރާތަކާއި އެ ހޯއްދެވި ފަޚުރާއި ޝަރަފް ދިވެހީންގެ ހިތްތަކުގައި ދަނީ ތާޒާކަމާއެކު ދިރެމުން.
ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، މި ޤައުމުގެ… pic.twitter.com/qp0fE0FR2D
— Dr Mohamed Muizzu (@MMuizzu) August 24, 2025
ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށް ދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު އެވެ.
ގައުމީ ދުވަސް މި އަހަރު ފާހަގަ ކުރަނީ ބޮޑުތަކުރުފާނުގެ އުފަން ރަށް، ހއ، އުތީމުގަ އެވެ. އެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވާނީ ރައީސެވެ.