Last Updated: June 9, 11:45
Tuesday, June 9, 2026
މުނިފޫހިފިލުވުން

ހޮލީވުޑުން 'އާޗީ' ހަދަނީ

މަޝްހޫރު ކޮމިކް ވާހަކަ "އާޗީ" އަށް ބިނާކޮށް ހޮލީވުޑުން ލައިވް-އެކްޝަން ފިލްމެއް ހަދަން އިއުލާންކޮށްފި އެވެ.

އަސްލު އެކްޓަރުުންނާ އެކު ހަދަން ނިންމާފައިވާ މި ފިލްމު ޕްރޮޑިއުސް ކުރަނީ 2012 ގެ އެކްޝަން ކޮމެޑީ "21 ޖަމްޕް ސްޓްރީޓް" ގެނެސްދިން ޑައިރެކްޓަރުން ކަމަށްވާ ކްރިސްޓޮފާ މިލާ އާއި ފިލް ލޯޑްސްގެ އިތުރުން އާޗީ ކޮމިކްސްގެ ސީއީއޯ ޖޮން ގޮލްޑްވޯޓާ އާއި ޔުނިވާސަލް ޕިކްޗާސް ގުޅިގެންނެވެ.

"އާޗީ" ފިލްމާ ބެހޭ ގޮތުން ފިލްމުގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ވަރަށް ޒަމާން ފަހުން ބޮޑު ސްކްރީނަށް ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި އާޗީ އާއި ވެރޯނިކާގެ އިތުރުން ބެޓީގެ ވާހަކަ ގެނެސްދޭން މަސައްކަތް ފެށުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ "އާޗީ" ކޮމިކްސްގެ ހުރިހާ ފޭނުންނަށް ދެވޭ ވަރަށް ހިތްގައިމު ހަދިޔާއަކަށް ވެސް ވާނެ ކަމަށް ބުންޏެވެ.

"އާޗީ" ފިލްމުގެ ސްކްރީންޕްލޭ ލިޔަން ހަވާލުކޮށްފައި ވަނީ ކޮމިކް ލިޔުންތެރިޔާ ޓޮމް ކިންގްއާ އެވެ. އޭނަގެ ކޮމިކް ވާހަކަތަކަށް ޑީސީން ކުރިން ވެސް ފިލްމުތަކެއް ގެނެސްދީފައިވާ އިރު، އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ސުޕަގާލް" އަކީ ވެސް ކިންގްގެ ކޮމިކަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

އެޗްބީއޯ އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ "ގްރީން ލެންޓާން" ސީރީޒް ވެސް ލިޔެފައި ވަނީ އޭނަ އެވެ.

ކިންގްއާ ހަވާލުކޮށްގެން "އާޗީ" ގެ ސްކްރީންޕްލޭ ލިޔާ އިރު، މި ޕްރޮޖެކްޓާ ގުޅޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ ފިލްމުގެ މައިގަނޑު ރޯލުތައް ކުޅޭނެ ބަޔަކާއި ޝޫޓިން ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ.

އާޗީ ކޮމިކަށް އެންމެ ފަހުން ފިލްމެއް ގެނެސްދިނީ އިންޑިއާއިންނެވެ. އެއީ 2023 ގައި ނެޓްފްލިކްސް އަށް ހެދި، ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ދި އާޗީސް" އެވެ. އެ ފިލްމުގައި އާޗީގެ ރޯލު ކުޅުނީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްތިއާ ނަންދާ އެވެ. ބެޓީ އަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރެވެ. އަދި ވެރޯނިކާ އަކީ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނެވެ.

"ދި އާޗީސް" އެ ތިން ފަންނާނުން ފިލްމީ ދުނިޔެ އަށް ތައާރަފުވި ފިލްމު ވެސް މެ އެވެ.

މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދި "އާޗީ" ކޮމިކްސް ގެނެސްދީފައި ވަނީ 1942-2020 އަށެވެ.