ކޯޓްތަކުން ވަރި މިންކުރާ ގޮތުން ރާއްޖޭގައި ވަރި ގިނަވަމުންދާ ކަމަށް ހައި ކޯޓާއި ސިވިލް ކޯޓްގެ ފަނޑިޔާރުކަމުގެ އިތުރު ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ) ގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަލީ ސަމީރު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ މަޖަލަކަށް ބުނާ ވަރީގެ ބަހާއި ރުޅި އައިސްގެން ބުނާ ވަރީގެ ބަހާއި ކަމަކާ މަތިކޮށް ބުނާ ވަރީގެ ބަހަކީ، ވަރިއަކަށްވުމާއި ނުވުމުގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި ޚިލާފު ވެސް އޮތް ކަމަށެވެ.
"ވަރި މިންކުރާ ގޮތަށް ގެނެވޭ ބަދަލަކުން ރާއްޖޭގެ ވަރީގެ ނިސްބަތަށް ބަދަލު ގެނެވިދާނެ." ސަމީރު ވިދާޅުވި އެވެ.
މިދިޔަ މަހުގެ ރާއްޖޭގައި 239 ކައިވެނިކޮށްފައިވާ އިރު ވަރީގެ އަދަދު 147 އަރާ ކަމަށް ފެމެލީ ކޯޓްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ ކޯޓުން ބުނީ މިދިޔަ މަހު ވަރީގެ 182 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން 147 މައްސަލަ އަކީ މިދިޔަ މަހުކޮށްފައިވާ ވަރި އެވެ.
މިދިޔަ މަހު ކޯޓުން ނިންމި ވަރީގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ވަރިވާން އެދި ހުށައެޅި މައްސަލަތަކެވެ. އެގޮތުން ވަރިވާން އެދި 82 މީހަކު ކޯޓަށް ހުށަހެޅި އެވެ. ދެން އެންމެ ގިނައީ ވަރި ސާބިތުކުރުމަށް ހުށައެޅި މައްސަލަތަކެވެ. ވަރި ސާބިތުކުރަން 75 މީހަކު ކޯޓަށް މިދިޔަ މަހު ގޮސްފައިވެ އެވެ.
މީގެ އިތުރުން ދަރިންގެ ހަރަދު ނުދީގެން ހަތަރު މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ. އަދި ދަރިންގެ އެހެނިހެން ހަރަދު ހޯދުމަށް ވެސް ދެ މައްސަލައެއް ކޯޓަށް ހުށަހެޅި އެވެ.