Last Updated: June 7, 18:23
Sunday, June 7, 2026
ޚަބަރު

އުތީމަށް ގައުމިއްޔަތުގެ ޝަރަފު އަރުވައިފި

ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްސަ ޝަރަފު، ހއ. އުތީމުގެ ރައްޔިތުންނަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.

އެ ޝަރަފު އެ ރަށު ރައްޔިތުންނަށް އެރުވީ މިއަދު ފާހަގަކުރަމުން އަންނަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެ ޖަލްސާ އޮތީ އުތީމުގަ އެވެ.

ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްސަ ޝަރަފު އުތީމުގެ ރައްޔިތުންނަށް އެރުނީ އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި، އެ ރަށު ރައްޔިތުން އަދާކުރަމުން އަންނަ ދައުރާއި، އެކަމަށް ދިން އަހައްމިއްޔަތުކަން ފާހަގަކުރުމުގެ ގޮތުންނާއި، އެ ރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ އެވެ.

ގައުމީ ދުވަސް ފާހަގަކުރަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިންނަށް މިނިވަންކަން ހޯދައި ދެއްވުމުގައި އިސްކޮށް ހުންނެވި އުތީމު މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) ގެ ހަނދާނުގައެވެ.

އުތީމުގައި ހުންނަ އުތީމު ގަނޑުވަރަކީ ބޮޑުތަކުރުފާނު ދިރިއުޅުއްވި ގެކޮޅެވެ.