Last Updated: June 9, 11:44
Tuesday, June 9, 2026
މުނިފޫހިފިލުވުން

އަހަރުތަކެއް ފަހުން ރިޝްމީގެ ފިލްމެއް ސިނަމާ އަށް

އަހަރުތަކެއް ފަހުން މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ ބޮޑު ރޯލެއް ކުޅެފައިވާ ފިލްމެއް ސިނަމާ އަށް ގެންނަން ތައްޔާރުވާން ފަށައިފި އެވެ.

އަންނަ އަހަރުގެ ކުރީކޮޅު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ އަލީ ސީޒަން ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓާ 1" އެވެ. މީގައި ރިޝްމީ ފެންނާނީ ރައުފާ ކިޔާ ކެރެކްޓާއަކުންނެވެ.

އޭނަ އެންމެ ފަހުން ބޮޑު ރޯލަކުން ފެނިފައި ވަނީ އަމިއްލަ އަށް ޕްރޮޑިއުސްކޮށް ޓައިޓްލް ރޯލު ކުޅުނު 2017 ގެ ކްރައިމް ފިލްމު "ވިޝްކާ" އިންނެވެ. ރިޝްމީގެ ކުރީގެ ފިރިމީހާ ރަވީ ފާރޫގް ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ކުޅުނު އެ ފިލްމުން ރިޝްމީ އަށް ސާކް ފިލްމު ފެސްޓިވަލްގެ މޮޅު ބަތަލާގެ އެވޯޑާއި 9 ވަނަ ގައުމީ ފިލްމު އެވޯޑްސްގެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނެވެ.

"ވިޝްކާ" އިން ރިޝްމީ އަށް ލިބުނު ސާކް ފިލްމު ފެސްޓިވަލްގެ މޮޅު ބަތަލާގެ އެވޯޑަކީ ރާއްޖޭގެ ބަތަލާއަކު އެ ޝަރަފު ހޯދި ފުރަތަމަ ފަހަރެވެ.

މި ފަހުން ރިޝްމީގެ ބޮޑު ރޯލެއް ސިނަމާގެ އެއްވެސް ފިލްމަކުން ފެނިފައި ނެތަސް، އޮލިމްޕަހުގައި މި ފަހުން އެޅުވި ބައެއް ފިލްމުތަކުގެ ހާއްސަ ފެނިލުންތަކުން އޭނަ ފެނިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަޓްގެ 2023 ގެ "ނޮވެމްބާ" އެވެ.

ރިޝްމީގެ މި ފަހުގެ އެންމެ ބޮޑު ފިލްމީ މަސައްކަތަކީ އޭނަ ޑައިރެޓްކޮށް ކުޅެ، ބައިސްކޯފަށް ގެނެސްދިން 50 އެޕިސޯޑްގެ ޔާރާ އެވެ.

ފިލްމީ ދާއިރާ މަޝްހޫރު 'ޔާރާ އާއިލާ' އަށް ނިސްބަތްވާ ރިޝްމީ އަކީ މިހާރުގެ އެންމެ ފާހަގަކޮށްލެވޭ ބަތަލާއިންގެ ތެރޭގައި ހިމެނޭ މަރިޔަމް އައްޒަގެ ދައްތަ އެވެ.

ރިޝްމީ ފެންނާނެ "ޕަރީ" އަކީ ސްރީ ލަންކާގައި ދިރިއުޅޭ އާއިލާއެއްގެ ކުޑަކުއްޖެއްގެ ވަށައިގެން އެނބުރޭ ބިރުވެރ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. މީގެ ކާސްޓްގައި ޝީލާ ނަޖީބާއި ޖުމައްޔިލް ނިމާލު ވެސް ހިމެނެ އެވެ.

"ޕަރީ" ބެލުންތެރިންނަށް ގެނެސްދޭނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.