Last Updated: July 9, 13:58
Thursday, July 9, 2026
ޚަބަރު

މީޑީއާތަކުގައި ތަޅު އަޅުވަން ފާސްކުރާ ގާނޫނުތައް އުވާލާނަން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

މީޑިއާތަކުގައި ތަޅު އެޅުވުމަށް މި ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީ ސަރުކާރަކުން އުވާލާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިމިވަނީ ގައުމީ ދުވަސް ފާހަގަކުރަން ހއ. އުތީމުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އެ ޖަލްސާގައި ރައީސް ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެން ވަނީ ހުދޫދެއްގެ ތެރޭގައި ކަމަށާއި ބޭނުންހާ އެއްޗެއް ލިޔެ، މީސްމީހުންގެ އަބުރަށް އަރައިނުގަނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގުން ކަމަށެވެ. އަދި ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ އެފަދަ ވެރިން ކުރާ ކަމެއް ކަމަށާއި ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން ކަމާއި ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެނެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުުޅައިގަންނާނެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް މުއިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ މީގެ ކުރިން ވެސް ވެރިޔަކު އެގޮތަށް މަސައްކަތް ކުރެއްވި ކަމަށާއި އެފަހަރު ވެސް އެކަން ކާމިޔާބު ނުވިއިރު، މިފަހަރުވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.