Last Updated: July 9, 13:58
Thursday, July 9, 2026
ޚަބަރު

ހިރިމަރަދޫން ހަނިމާދު އަށް ބަދަލުވާ މީހުންނަށް ބޯހިޔާވަހިކަން

ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއިން ދާއިމީ ބޯހިޔާވަހިކަން ހޯދައިދޭއިރު، ކޮންމެ ގޯއްޗަކަށް ގޯއްޗެއްދެއްވައި، ދޮޅު އަހަރުގެ ތެރޭގައި އެ ގޯތީގައި ގެއެއް އަޅުއްވައި ނިންމާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫއަށް ހިރިމަރަދޫން ހިޖުރަކުރާ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގެވުމާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރެއްވުމުގެ ފްރޭމްވަރކް އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވަނީ ސޮއިކޮށްފަ އެވެ.

ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު އެންމެ އާބާދީ މަދު ރަށްކަމަށްވާ، ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫގައި ކޮންމެ ގޯއްޗަކަށް ގެއެއް އަޅުއްވައިދެއްވާއިރު، އެރަށަށް ބަދަލުވާމީހުންގެ ގޯތި ތަކުގެތެރޭގައި މިހާރު އިމާރާތެއް ނެތް ގޯތިތަކުގެ ބަދަލުގައިދެއްވާ ގޯތިތަކުގައިވެސް ގެ އަޅުއްވައިދެއްވާނެ ކަމަށާއި، އަދި ގޯތީގެ ބަދަލުގެ ގޮތުގައި ފައިސާގެ އެހީއެއްވެސް ދެއްވާނެ ކަމަށެވެ.

ބަދަލުގައި ދެއްވާނެ ފައިސާގެ އެހީގެ އަދަދު އަދި ކަނޑައަޅުއްވާފައި ނެތް ނަމަވެސް، މިހާރު ސަރުކާރުން ބަދަލުގެ ގޮތުގައި ދެމުންދާ ފައިސާގެ އަދަދު މުޠާލިއާ ކުރެއްވުމަށް ފަހު، ދެއްވާ ފައިސާގެ އަދަދު އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވި އެވެ.

މި ސަރުކާރުން އާބާދީއާއި ތަރައްގީ އެއްފަސްކުރަނީ ރައްޔިތުން ބޭނުންވެގެން، އެއްވެސް މަޖުބޫރުކަމެއް ނެތިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ދެ ތިން ރަށަކުން މީހުން ބަދަލުވުމަށް އެދިފައިވާ ކަމަށެވެ. މީހުން ބަދަލުކުރާއިރު އެ އެބައެއްގެ އުފަންރަށުގައި ސަރުކާރުން ކޮންމެ ކަމެއްކުރިނަމަވެސް، އެކުރާ ބޭނުމަކުން އެރަށުގެ ރައްޔިތުންނަށް މާލީ ނަފާކުރާނެ ގޮތަކަށް ސަރުކާރުގެ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ހިރިމަރަދޫ ރައްޔިތުންނަށްވެސް އެގޮތަށް އިޤްތިސާދީ ފައިދާ ކުރާގޮތަށް ކަންކަން ކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާން އަދި ދޮޅު އަހަރު ހޭދަވާނެތީ، އެ ދޮޅުއަހަރުގެ ތެރޭގައިވެސް ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ފަހިކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.