Last Updated: June 7, 18:23
Sunday, June 7, 2026
ޚަބަރު

ސިފައިންގެ 'ގައުމީ ލަވަ' އަލްބަމް ނެރެފި

ކޮންމެ އަހަރެއްގެ ވެސް ގައުމީ ދުވަހު ސިފައިން ނެރެމުން އަންނަ "ޤައުމީ ލަވަ" އަލަބްމް ގެ މި އަހަރުގެ އަލްބަމް މިއަދު ނެރެފި އެވެ.

ހަތް ލަވަ ހިމެނޭ މި އަހަރުގެ އަލްބަމް ޚާއްޞަކޮށްފައި ވަނީ "ޤައުމުގެ ދިފާޢުގައި" މި ތީމަށެވެ. އަލްބަމްގައި ހިމެނޭ ލަވަތައް ކިޔާފައު ވަނީ ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިންނެވެ.

"ގައުމީ ލަވަ 1447" ގައި ހިމެނޭ ލަވަތަކަކީ "މި ޤައުމަށް ޚިދުމަތްކުރުމޭ އަރާމަކީ"، "ސިފައިންގެ މީހެއްގެ ޝުޢޫރު"، "ޤައުމުގެ ދިފާޢުގައި"، "ޤައުމީ ޚިދުމަތުގައި ކުރިއަށް"، "ޖާނުދޭނީ ޤައުމަށްޓަކައި"، "ޤައުމު ދިފާޢު ކުރާނަމެވެ."، އަދި "ސިފައިން" އެވެ.

ލަވަތަކުގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ތައްޔާރުކޮށް އެޑިޓްކޮށްފައި ވަނީ، ވޮރަންޓް އޮފިސަރު 3 އިބްރާހީމް އަޙްމަދު އަދި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯގެ މީޑިއާ އެންޑް ޕަބްލިޝިން ސާވިސްއިންނެވެ.

'ގައުމީ ލަވަ 1447' އަލްބަމްގެ ލަވަތަކުގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލަށް އަޕްލޯޑްކޮށްފައިވެ އެވެ. އަދި އަލްބަމްގެ އޯޑި/ވީޑިއޯ ލަވަތައް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

އެމްއެންޑީއެފުން އަންނަނީ 2002 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ވެސް 'ޤައުމީ ލަވަ އަލްބަމް' ނެރެމުންނެވެ.