އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ލޯބިން" ގެ އެންމެ ފަހު ޝޯ އޮންނާނީ މި މަހުގެ 30 ގައި ކަމަށް އެ ފިލްމު ގެނެސްދިން ސްޓޫޑިއޯ އައި ފިލްމްސް އިން ބުނެފި އެވެ.
އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކުރި ރޮމޭންޓިކް ތުރިލާ ޕްރީމިއާކުރީ މި މަހުގެ 6 ގަ އެވެ. "ލޯބިން" އަށް މިހާތަނަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، އޮލިމްޕަހުގައި މިހާތަނަށް ދެއްކި ޝޯތަކުގެ ތެރެއިން ބައެއް ޝޯތައް ހައުސްފުލް ވެސް ވެފައިވެ އެވެ.
މި ފިލްމު މިހާތަނަށް ވަރަށް ގިނަ ރަށްތަކެއްގައި ވެސް ދައްކާފައިވެ އެވެ.
"ލޯބިން" އަކީ ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވައްޓައިލާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ މައިގަނޑު ރޯލުތައް ކުޅެފައި ވަނީ ތާތި އާދަމާއި އޭނަގެ ފިރިމީހާ އިފްނާޒް ފިރާގުގެ އިތުރުން އަހުމަދު ޝާރިފެވެ.
އައި ފިލްމްސް އާއި އިންޖީނިއަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދި ފިލްމުގެ ކާސްޓްގައި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) ގެ އިތުރުން އައިޝަތު ގުލްފާމް ވެސް ހިމެނެ އެވެ.
"ލޯބިން" އަކީ މި އަހަރު އެޅުވި ތިން ވަނަ ފިލްމެވެ.
ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނަން އޮތީ ޑައިރެކްޓަރު ހުސައިން މުނައްވަރުގެ "ކަނބުލޮ" އެވެ.