އެންމެ މުހިއްމީ ދިވެހިންނަކީ ތަނަވަސް ބަޔަކަށް ހެދުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދީބު ވިދާޅުވީ މިގައުމުގެ އެންމެ މުހިންމު ގައުމީ ވާޖިބަކީ ދިވެހިން ބަނޑުފުރާނަ މުއްތިކޮށް ދަރަނިން ސަލާމަތްވެ ބޯހިޔާވަހިކަން ލިބި، ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެވޭ އަދި ކޮންމެ ރައްޔިތަކީ އަމިއްލަ އީވޮލެޓެއް އޮތް ގައުމުގެ އިގްތިސާދުން ހިއްސާއެއް ލިބޭ ތަނަވަސް ދިވެހި ރައްޔިތަކަށް ހެދުން ކަމަށެވެ.
ކާބަފައިން ކަންކުރީ އަމަލުން ކަމަށާއި އިސްލާހީ މަސައްކަތޭ، މަތިގެޔާ ތިރީގެޔޭ ކިޔާ ފޮނިކަނޑާ ފޮނިވާހަތަކާ ޕޯޑިއަމްގައި ހަޅޭއްލަވާ ޅެންހަދާ އިނާމުދީ ހަފްލާތައް ބާއްވައިގެން ނޫން ކަމަށް އަދީބު ވިދާޅުވި އެވެ. ބޮޑުތަކުރުފާނު މިގައުމު ސަލާމަތްކުރެއްވީ އަމަލުންނާއި، ބޭރުގެ އެހީ އާއި އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އެކުގައި ކަމަށްވެސް ވިދާޅުވި އެވެ.
"މީ އަހަރުމެންގެ ވެސް ގައުމެވެ. އެކަން ހަނދާންކޮށް ދެމެވެ،" އަދީބު ވިދާޅުވި އެވެ.
މިގައުމުގެ އެންމެ މުހިންމު ގައުމީ ވާޖިބަކީ އަޅުގަނޑުމެންގެ ދިވެހިން ބަނޑުފުރާނަ މުއްތިކޮށް ދަރަނިން ސަލާމަތްވެ ބޯހިޔާވަހިކަން ލިބި، ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެވޭ އަދި ކޮންމެ ރައްޔިތަކީ އަމިއްލަ އީވޮލެޓެއް އޮތް ގައުމުގެ އިގްތިސާދުން ހިއްސާއެއްލިބޭ ތަނަވަސް ދިވެހި ރައްޔަތަކަށް…
— Ahmed Adeeb (@Ahmed_Adeeb) August 24, 2025
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ މައާފަކުން އަދީބަށް މައާފު ދެއްވައި މިނިވަންކަން ދެއްވުމުން، އޭނާ މިހާރު އުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ.
އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަޑީގައި ހުރި އެކެކެވެ.