Last Updated: June 6, 09:27
Saturday, June 6, 2026
ރިޕޯޓް

އިރު އޮއްސޭ ވަގުތު ކުދިން ބޭރުގައި؛ ކޮން ކަހަލަ ކަމެއް؟

އިރު އޮއްސޭ ވަޤުތު ކުޑަކުދީން ބޭރަށް ނެރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވާ ކަމެކެވެ.

ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ.

(إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ فَكُفُّوا صِبْيَانَكُمْ ، فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ ، فَإِذَا ذَهَبَ سَاعَةٌ مِنْ اللَّيْلِ فَخَلُّوهُمْ ، وَأَغْلِقُوا الْأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لَا يَفْتَحُ بَابًا مُغْلَقًا ، وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ ، وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا، وَأَطْفِئُوا مَصَابِيحَكُمْ) رواه البخاري (3280) ومسلم (2012)

މާނައީ: “ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ވަގުތު ނުވަތަ އިރު އޮއްސޭ ވަގުތު ތިޔަބައިމީހުންގެ ކުދީން (ގެއިން ނުކުތަނުދީ) ހިފަހައްޓާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުންތައް އެވަގުތު (ބިންމަތީ) ފެތުރިގަނެއެވެ. ފަހެ ރޭގަނޑުން ބައެއް ދިޔުމުން (ޢިޝާނަމާދު ވަޤުތުވުމުން) އެކުދިން ދޫކޮށްލާށެވެ. އަދި ބިސްމިﷲ ކިޔުމަށް ފަހުގައި ދޮރުތައް ލައްޕާށެވެ. ފަހެ (އެގޮތަށް) ލައްޕާފައިވާ ދޮރެއް ޝައިޠާނާ ނުހުޅުވާނެ އެވެ. އަދި ބިސްމިﷲ ކިޔުމަށް ފަހު ފެން ކަންވާރުތަކުގެ މަތިތައް ބާރުކުރާށެވެ. (މަތިތައް ޖަހާށެވެ.) އަދި ﷲގެ އިސްމުފުޅު ކިޔައި ތިޔަބައިމީހުންގެ ކަންވާރުތަކުގައި މަތިޖަހައި ނިވާކުރާށެވެ. އެއީ އޭގެ މަތީގައި (ކުޑަނަމަވެސް) އެއްޗެއް ބާއްވާލައިގެން ނަމަވެސް މެ އެވެ. އަދި ތިޔބައިމީހުން ބައްތިތައް ނިވާލާށެވެ.”

އަދިވެސް ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެންވެ އެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ.

(لَا تُرْسِلُوا فَوَاشِيَكُمْ وَصِبْيَانَكُمْ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ ، فَإِنَّ الشَّيَاطِينَ تَنْبَعِثُ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ) وروى مسلم (2013)

މާނައީ: ”އިރު އޮއްސިއްޖެ ނަމަ، ތިޔަބައިމީހުންގެ ނަޢަމުސޫފިތަކާއި ދަރީން ރޭގަނޑުގެ އަނދިރިކަމުގެ ކުރީކޮޅު ފާއިތުވެއްޖެއުމަށް ދާންދެން ދޫނުކުރާށެވެ. ފަހެ ހަމަކަށަވަރުން އިރު އޮއްސިއްޖެ ނަމަ، ރޭގަނޑުގެ އަނދިރި ކަމުގެ ކުރީކޮޅު ފާއިތުވެއްޖައުމަށް ދަންދެން ޝައިޠާނުން ބިންމަތީގައި ފެތުރިގަނެ އެވެ.”

މިކަމުގެ ޙިކުމަތަކީ ކޮބާ؟

ޝައިޠާނުންގެ ކިބައިން ރައްކާތެރިކުރާ އައްޑަނައަކީ ޛިކްރެވެ. ކުދީންނަކީ މި ރައްކާތެރިކަން ހޯދުމުގެ ކުޅަދާނަކަށް ލިބިގެން ނުވާ ބަޔެކެވެ. ޝައިޠާނުން ފެތުރިގަންނަ ވަޤުތުގައި އެސޮރުމެންނަށް ފަސޭހައިން އަތުޖެހޭ، ގޯނާކުރެވޭ ޙިސާބުގައި، އެއްވެސް ރައްކާތެރިކަމެއް ނެތި ހުރުމަކީ އެފަދަ އުނދަގޫތައް ކުރިމަތިވެދާނެ ސަބަބަކަށްވާތީ އެކަން ނަހީކުރެއްވީ އެވެ. އަދި ޝައިޠާނުން ގިނަ ވަގުތަކަށް އެ ވަގުތު ވެފައިވުމާއެކު، ކުއްޖަކަށް ކުރެވޭ ކަމެއްގެ ސަބަބުން މިސާލަކަށް އެއްލޭ އެއްޗެއްގެ ސަބަބުން އޭގެން އެއްޗަކަށް ގޯނާކުރެވި، އޭތީގެ އުނދަގޫ އެ ކުއްޖަކަށް ފޯރުންވެސް އެކަށީގެންވެ އެވެ.

އިރު އޮއްސުމުން ޝައިޠާނުން ފެތުރިގަންނަނީ ކީއްވެ؟

އެއީ އެސޮރުމެން ޙަރަކާތްތެރިވުން، ދުވާލަށް ވުރެ ރޭގަނޑު ފަސޭހަވާތީއެވެ. ޝައިޠާނީ ބާރުތަކަށް އަނދިރި ވަޤުތު ތަކަކީ އެހެން ވަޤުތުތަކަށްވުރެ ފަސޭހަ، ޝައއިޠާނުން ލޯބިކުރާ ވަޤުތުތަކެކެވެ. އަދި ކަޅުކުލަ އަކީވެސް ޝައިޠާނުން ލޯބިކުރާ ކުލައެކެވެ. (ބައްލަވާ” فتح الباري ” (6/341))

އެ ވަޤުތު ފެށެނީ އަދި ނިމެނީ ކޮން އިރަކު؟

ނަހީގެ ވަޤުތު ފެށެނީ އިރު އޮއްސުމުންނެވެ. އަދި ނިމެނޭ ޢީޝާ ނަމާދު ވަޤުތު ވަނުމުންނެވެ.

ނެރުން ނަހީވެފައިވަނީ ކޮން ޢުމުރެއްގެ ކުދިންނެއް؟

ތަންދޮރު ނޭނގޭ ވަރުގެ ކުޑަކުދިންނެވެ. ޢާއްމުގޮތެއްގައި ޢިލްމުވެރިން ވިދާޅުވަނީ 7 އަހަރުން ދަށުގެ ކުދީން ކަމަށެވެ.

މިކަމުގެ ޙުކުމަކީ ކޮބާ؟

އެއީ މުސްތަޙައްބު ކަމެކެވެ. ވާޖިބެއް ނޫނެވެ. ޘާހިރީ މަޛްހަބުގައި ވާޖިބެކެވެ. (ބައްލަވާ ” الفروع ” (1/132) ، ” فتح الباري ” (11/87) ” فتاوى اللجنة الدائمة ” (26/317) )

ދަރިފުޅު ގޮވައިގެން މިސްކިތަށް މަޣްރިބް ނަމާދަށް ދާ ނަމަ..؟

ނަހީވެފައި ވަނީ ކުދީން އެކަނި ދޫކޮށްލުމެވެ. ބޮޑު މީހަކާއެކު މިސްކިތަށްދާ ނަމަ އެކަމުގައި މައްސަލައެއް ނެތެވެ.

އިރު އޮއްސުނު ވަގުތު ކުދީން ބޭރުގައި ތިބި ނަމަ…؟

އައުލާވެގެން ވަނީ ވީހާ އަވަހަކަށް ގެއަށް ވެއްދުމެވެ. ދުރުތަނެއްގައި ތިބި ނަމަ އަވަހަށް ގެއަށް ގެނައުމެވެ. އަނދިރިކަން ފެތުރިގަންނަ ވަގުތުގައި ބޭރުގައި ތިބުމުން ލިބިދާނެ ޝައިޠާނީ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކަ އެވެ.

ނޯޓް: މިއީ ޝެއިޚް މުހައްމަދު ޝާފިޢުގެ ލިޔުއްވުމެކެވެ.