Last Updated: July 9, 13:58
Thursday, July 9, 2026
ޚަބަރު

މުޅި ހދ. އަތޮޅަށް މި ހަފްތާގައި ބީއެމްއެލް އޭޓީއެމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަފުތާގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ވަނީ ހދ. ފިނޭގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ. މި ހަފްތާ ތެރޭގައި ހދ. އަތޮޅުގެ އިތުރު 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަކީ އަމާޒެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ފިނޭ އާއި ހދ. އަތޮޅުގެ އެހެން ރަށްތަކުގައި އޭޓީއެމް ވިއުގަ ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓަކީ މުޖުތަމައުތަކަށް ވީހާވެސް ގާތުން ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސއްކަތުގެ ހެއްކެއް ކަމަށެވެ.

"މިހާރު މިރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި 24 ގަޑިއިރު އޭޓީއެމްގެ ޚިދުމަތް ލިބޭނެ." ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 146 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 204 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.