ސަރުކާރުގެ އަމާޒަކީ، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް، ލަސްވެގެން ނޮވެމްބަރު މަހު، އެތަން ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ނިންމައި ހުޅުވުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ ވައިގެބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާ ކަމަށާއި މިފަހަރު ކުރިއަށްގެންދާ މަސައްކަތްތަކާއެކު، އެ ވައިގެބަނދަރު، ބައިނަލްއަޤުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރު ކުރެވޭނެ ކަމަށެވެ. އެގޮތުން، އެއާޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއާޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރަށުގެ ލޯކަލް ޓޫރިޒަމަށްވެސް މަގު ފަހިވާނޭ ބީދައިން، އެއާޕޯޓުން ބޭރުގައިވެސް ޑޮލަރު އޭޓީއެމެއް ބަހައްޓައިދެއްވާނެ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭޓީއެމްތައް ވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ހަނިމާދޫ ކައުންސިލުން ޖާގަ ހަމަޖައްސަވައިދެއްވުމާއެކު، އެއާޕޯޓު ހުޅުވެން ވާއިރަށް، އެރަށުގައި ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް ޤާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އެރަށުގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ މަހު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރައްވާނެ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ވަކި ސަރަހައްދެއްގައި ހައުސިން ޔުނިޓް އަޅައިދޭ ގޮތަށާއި، ގޯތީގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން ހިރިމަރަދޫއިން ހަނިމާދޫއަށް އެއްފަސްވާ އާބާދީއަށް އަމާޒުކޮށްގެން ހިންގާ ހައުސިން މަޝްރޫއު ކުރިއަށް ގެންގޮސް، ކޯޓުގައި ހުއްޓިފައި އޮތް ހައުސިން މަޝްރޫއަށް ހުއްދަ ލިބުމާއެކު އެ މަޝްރޫއުވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޢުމްރާނީ މިފަދަ މަޝްރޫޢުތަކާއެކުއެކީ މަގު ހެދުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 2026 ގައި ފަށައި 2027 ގައި ނިންމާ ގޮތަށް، ރައްޔިތުން އެދޭ ކޮންސެޕްޓަކަށް، 17 ވަރަކަށް ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދެވުމަށް ވެސް ރާވާފައިވާ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވަނީ ހަނިމާދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. ސްކޫލްގެ މަޝްރޫޢު ކުރިއަށްގެންދާނީ ހަނިމާދޫ ދަރިވަރުންނާއި، އެއްފަސްކުރުމުގެ ގޮތުން ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫ ދަރިވަރުންނަށްވެސް ޖާގަ ލިބޭނޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.