Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

"ޗާލު ދިވެހިރާއްޖެ އެވޯޑް" ތައާރަފުކޮށްފި

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ހާއްސަކޮށްގެން، "ޗާލު ދިވެހިރާއްޖެ އެވޯޑް" ގެ ނަމުގައި އެވޯޑެއް ތައާރަފުކޮށްފި އެވެ.

މި އެވޯޑަކީ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއި ބައިވެރިވުމާއެކު، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި، ދިވެހިންގެ މުއްސަނދި އާދަކާދަ އާއި ސަގާފަތް ދިރުވައި އާލާކުރުމަށް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ދަނެގަނެ، އެ މަސައްކަތްތައް ގައުމީ ފެންވަރުގައި އަގުވަޒަންކުރުމަށް ހާއްސަކުރި އެވޯޑެކެވެ.

ޕީއެސްއެމުން ބުނީ "ޗާލު ދިވެހިރާއްޖެ އެވޯޑް" ގެ މައިގަނޑު މަގުސަދަކީ، ދެމެހެއްޓެނިވި ތަރައްގީ އަށް ހިތްވަރުދީ، އަންނަން އޮތް ޖީލުތަކަށް ޗާލު ރާއްޖެއެއް ވާސިލްކޮށްދިނުމަށް މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ. އަދި މިއީ ރަށްރަށުގެ ތިމާވެށި ހިމާޔަތްކުރުމާއި، ޒިންމާދާރުކަމާ އެކު ލޯކަލް ޓޫރިޒަމާއި މުޖުތަމައު ތަރައްގީކުރުމާއި، ސަގާފަތް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކޮށް، އެކަންކަން ކުރިއެރުވުމަށް ބާރު އެޅުމުގެ ގޮތުން ތައާރަފުކުރި އެވޯޑެކެވެ.

"ޗާލު ދިވެހިރާއްޖެ އެވޯޑް" ދޭނީ 7 ދާއިރާއަކުން:

* އެންމެ ރީތި ގޮނޑުދޮށް
* އެންމެ އެކުވެރި މުޖުތަމަޢު
* ދެމެހެއްޓެނިވި ތަރައްގީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް
* ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
* ރަށު ފަތުރުވެރިކަމުގައި އެންމެ ޒިންމާދާރު ރަށް
* އެންމެ ހިތްގައިމު ރަށު މަންޒިލް
* އަހަރުގެ އެންމެ ޗާލު ރަށް

މި އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ކުރިމަތިލެވޭނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.

ކުރިމަތިލާނީ މި ލިންކު psm.mv/chaalu_award މެދުވެރިކޮށެވެ.