Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އައްޑޫގައި ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފަށަައިފި

އައްޑޫގައި ޓްރެފިކް މޮނީޓާސް ޕްރޮގްރާމެއް ފަށަައިފި އެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އައްޑޫ ޕޮލިސް ގުޅިގެން އެ ސިޓީގެ ސްކޫލުތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހޮނިހިރު ދުވަހު މި ޕްރޮގްރާމް ފެށީމަރަދޫ ސްކޫލާއި، އިރުޝާދިއްޔާ ސްކޫލާއި، ފޭދޫ ސްކޫލުގެ އިތުރުން ސ. އަތޮޅު މަދުރަސާގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމުގެ ތެރެއިން، ޓްރެފިކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ އިތުރުން ދަރިވަރުން ބާރުވެރިކޮށް އަދި ލީޑަރޝިޕް ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރެވިގެން ދާނެ ކަމަށް ފުލުހުން ބުންޏެވެ.

ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި. އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މައުލޫމާތު ދިނުމާއެކު ސްކޫލު ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނު ކުރާނެ އެވެ.

މީގެ އިތުރުން، ރިވެތި ބަހުން މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށް ދިނުމުގެ އިތުރުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސެލްފް ޑިފެންސް ކުލާސްތައް ވެސް ދަރިވަރުންނަށް ކުރިއަށް ގެންދާނެ އެވެ.

މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ހިންގާފައިވެ އެވެ.